އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ވަކި ދަރިވަރަކު ބާކީ ނުކޮށް ކިޔަވައިދޭން ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް މިކަން ތަންފީޒު ކުރުމަށް އެކި ބާވަތްތަކުގެ ހުރަސްތަކާއި އުނދަގޫތައް ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ ފެނުމުން މަހުރޫމުވެފައިވާ ކުދިންނާއި މީހުންނަށް ބޭނުންކުރެވޭނެހެން ތައްޔާރުކޮށްފައިވާ "ޝާމިލް އަޑު" އެޕްލިކޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން އުނގެނުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. މީގެ ތެރޭގައި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނުނު ނަމަވެސް މިކަން ތަންފީޒު ކުރުމަށް އެކިއެކި ހުރަސްތަކާއި އުނދަގޫތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"މިހުރަސްތައް ދިމާވަނީ އެންމެނަކީ އެއް ތަތްގަނޑަކުން ނުކުންނަ ބަޔަކަށް ނުވާތީ. ކޮންމެ މީހަކީ ވަކި ތަފާތު ޝަހުސަކަށްވާކަން. ވަކި ނަފުސަކަށްވާކަން. ކޮންމެ އިންސާނަކީ ނާދިރު މީހަކަށް ވާކަން. އަޅުގަނޑުމެންގެ މަދަރުސާތަކުގައި އުޅޭ ކޮންމެ ކުއްޖަކީ ބޭރުފުށުން އެއްގޮތް ކުއްޖެއް ކަމަށް ފެނުނަސް ކޮންމެ ކުއްޖަކީ އެހެން ކުދިންނާ ތަފާތު ވިސްނުމެއްގަ، ތަފާތު ފިކުރެއްގެ، ތަފާތު ވެއްޓެއްގަ އުޅޭ ކުއްޖެއް. އެއްވެސް ދެ ކުއްޖަކަށް މި ދުނިޔެއަކީ އެއްގޮތް ތަނެއް ކަމަށް ހިއްސުތަކުން އިހުސާސެއް ނުކުރެވޭނެ. ފިކުރަކުން ފަހުމެއް ނުވޭ. ކޮންމެ ކުއްޖެއްގެ ދުނިޔަވީ ހަގީގަތަކީ ތަފާތު އެއްޗެއް. ވީމާ އެއްގޮތް ނަތީޖާ ނެރުމަށް ކޮންމެ ކުއްޖަކާ ދޭތެރޭ އަމަލު ކުރަން ޖެހޭނީ ތަފާތު ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ބައެއް ކުދިންނަކީ އެހެން ކުދިންނާ ވަރަށް ތަފާތު ކުދިންތަކެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބައެއް ކުދިންނަށް ދުނިޔޭގެ މަންޒަރުތައް އެކި ކުލަކުލައިން ފެނުނު ނަމަވެސް އެ މަންޒަރުތައް އަނެއްބައި ކުދިންނަށް ފެންނަނީ ކަޅާއި ހުދުން ކަމަށެވެ. މިއިން ކޮންމެ ކުއްޖެއްގެ ކިބައިގައި ފޮރުވިފައި ހުންނަ ތަބީއީ ގާބިލުކަން ހޯދައި އެ ތަމްރީނުތައް ދީ ތަރައްގީ ކުރުމަށް ގާނޫނު ލާޒިމުކުރާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިކަމަށް ހާއްސަކޮށް ޑިޕާޓުމަންޓު އޮފް އިންކްލޫސިވް އެޑިއުކޭޝަން އުފެއްދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ތައާރަފުކުރި "ޝާމިލު އަޑު" އެޕްލިކޭޝަނަކީ، ޝާމިލު ވެއްޓެއް މަދަރުސާތަކުގައި ގާއިމުކުރުމަށް ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަނުން ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް އަޑުއެހުމުގެ ގާބިލުކަން ފެނުމުގެ ނުކުޅެދުންތެރިކަން ލިބިފައިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އެކުދިންނަށް ވަސްމީރު ގުލްޒާރަކަށް ވަނުމަށް ހުޅުވޭ ދޮރޯއްޓެއް. މިއީ އެކުދިންނަށްޓަކައި އެހެންޏާ ނީވޭނެ އަޑުތަކެއް އިވުމަށް ހުޅުވޭ ކަންފަތެއް. ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސުން ބޭނުންކުރާ އުކުޅުތަކަކުން ނުވަތަ ބޭނުންކުރާ ވަސީލަތްތަކުން ފުރިހަމަ ކުރެވޭނެ ކަމެއް ނޫން. ފުރިހަމަ ޝާމިލު ވެއްޓެއް ބިނާކުރުމުގަ ސްކޫލް މުޖުތަމައުގަ ހިމެނޭ އެންމެންގެ ވިސްނުންވެސް އިންކްލޫސިވް ވާން ޖެހޭ. ގަބޫލުކުރަން ޖެހެނީ ނުކުޅެދުންތެރިކަމަކީ ވަކި ދަރިވަރެއްގެ ގައިގަ ހުންނަ ސިފައެއް ނޫންކަން. ހުރިހާ ކުދިންނަކީ ތަފާތު ކުދިންކަން ދަނެ އެކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ނުކުޅެދެނީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެށިކަން ގަބޫލު ކުރަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރި ކުރުމުގެ ނިޔަތުގައި ސްކޫލްގައި އޮންނަ ކަމެއްގައި ހަމަ އެކަނި އެކުދިން ހިމެނޭ ހަރަކާތެއް ގެނެސްދިނުމަކީ އެކުދިން ޝާމިލު ކުރުމެއް ނޫން ކަމަށާއި އެކުދިން ޝާމިލު ކުރެވޭނީ އެހެން ދަރިވަރުންނާއެކު ބާއްވާ ހަރަކާތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.