މާލެއަކީ 1960 އާ ހަމައަށް ގަވައިދުން ވެލާ އެރި ރަށެކެވެ. އެއިރު މާލޭގެ ވަށައި ތޮށިލާފައި ނެތުމުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮނޑުދޮށްތައް، މާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހުއްޓެވެ. ނަމަވެސް މާލޭގެ ވަށައި ތޮށިލީ ފަހުން މާލެއަށް ވެލާ އެރުމަކީ އެއްގޮތަކަށްވެސްވި ކަމެއް ނޫނެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މާލެއަށް ވެލައެއް އެރުމާ ހަމައަށްވެސް އެކަން އޮތީ އެގޮތަށެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މާލޭގައި ގުދުރަތީ ގޮތުން އުފެދިފައި އޮތް ހަމައެކަނި ފަސްކޮޅު (ސިނަމާލެ ބުރިޖުގެ ދެކުނުން އުސްފަސްގަނޑާ ދިމާއަށް އުފެދިފައިވާ ފަސްކޮޅު) އަށް އެރި ވެލާ ފުލުހުން ވަނީ މޫދަށް ދޫކޮށްލައިފައެވެ. އެގޮތަށް އެއިރު ފުލުހުން ކަންތައް ކުރީ ވެލައަށް ނުދެވި ތާށިވެގެން އޮތް ކަމަށް ހީކޮށެވެ. އެކަމާ ހުރެ ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވިއެވެ.
މާލެއަށް މިފަހުން ވެލައެއް އެެރިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ރޭގެ ވަގުތެއްގައި މާލެއަށް އަނެއްކާވެސް ވެލައެއް އެރިއެވެ. އެ ވެލާވެސް އެރީ މީގެ ކުރިން އެރި ވެލާވެސް އެރި ސަރަހައްދަށެވެ. ދިގުމިނުގައި ހަތަރު ފޫޓު، ފުޅާ މިނުގައި ދެ ފޫޓު ހުރި ވެލާ ފުރަތަމަ އަރައި ބަނޑުޖެހީ، ސިނަމާލެ ބުރިޖުގެ އުތުރުން އުފެދިފައިވާ ފަސްކޮޅުގެ މެދެއްހާ ހިސާބުގައެވެ. އެތަނުގައި ބިސް އެޅުމަށްޓަކައި އެ ސޮރު، ވަޅުވެސް ކޮނުނެވެ. އެއިރު އޮތީ ބޮޑު ދިޔައެވެ. މިއީ ފުސްބަދުރުވަ ނަކަތް ކަމުން ދިޔަ ވަރު ބޮޑުވާނީ އިރުއޮއްސޭ ވަގުތާއި ދަންވަރުގެ ވަގުތުތަކުގައެވެ. އާންމުކޮށް ވެލާ ބިސް އަޅަން އަރަނީވެސް ދިޔަވަރު ބޮޑު ގަޑިތަކުގައެވެ. އެއީ އެރުނު އެންމެ އެއްގަމަކަށް އަރައި ބިސް އެޅުމަށެވެ. އެތަނުގައި ތިން ވަރަކަށް ގަޑިއިރު އޮތުމަށް ފަހު، ވެލާ މިސްރާބު ބަދަލުކޮށްލީ، ސިނަމާލެ ބުރިޖާ ދިމާ އިރަށެވެ. ފަސްގަނޑުގެ އެންމެ އިރަށް ގޮސް އެތަނުގައިވެސް އެސޮރު ތިން ގަޑިއެއްހާއިރު މަޑުކޮށްގެން އޮވެފައި، އެތަން ކޮންނަން ފަށައި، ބިސް އެޅީއެވެ. ވެލާ އާންމުކޮށް ބިސް އަޅަނީ، އެ ސޮރުމެން ހިތްހަމަޖެހޭ ވަރަށް ކޮނެވުނީމައެވެ. އާންމުގޮތެއްގައި ދޮޅު ފޫޓު ނުވަތަ ދެ ފޫޓެއްގެ ފުން މިނަށް ކޮންނާނެއެވެ. ނަމަވެސް ރޭ އެރި ވެލާ ކޮނެފައިވަނީ ބައި ފޫޓަށެވެ. ތިލަކޮށް ކޮނުމަށް ފަހު އެ ސޮރު ފައިބައިގެން ދިޔައީ 96 ބިސް އަޅައިފައެވެ.
ވެލައަކީ ގިނަ އަހަރުތަކަކުން ބޮޑުވާ އެއްޗެކެވެ. ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ވެލައެއް ބޮޑުވެ، ބިސް އަޅާ އުމުރަށްދާނީ އާންމުގޮތެއްގައި ދަނީ އެސޮރުގެ އުމުރުން 25 ނުވަތަ 30 އަހަރުން މަތިވުމުންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝާތިރު ވިދާޅުވި ގޮތުގައި ރޭ މާލެއަށް އެރި ވެލައަކީވެސް އުމުރުން ދުވަސްވީ ވެލައެކެވެ. އަދި މާލޭ ސަރަހައްދަށް ވެލައެއް އެރުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ކުރީއްސުރެވެސް ރާއްޖޭގައި މިއޮތީ ވެލާގެ ހުރިހާ ބާވަތެއް ހިމާޔަތްކުރެވިފައި. ވެލާގެ ހުރިހާ ބާވަތެއް އިތުރުވާ މިންވަރު އެނގެން އެބަޖެހޭ. އެގޮތުން ބަލާއިރު ވެލާ އަރާނެ އެއްވެސް ބީޗެއްވެސް މާލެއަކު ނެތް. އެހެންނަމަވެސް މާލެއަށް ވެލާ އަރަން އުޅޭކަމީ އެއީ މި ހިސާބުގަނޑުގައި ވެލާ އުޅުނު މިންވަރު މިހާރު މިރޭ މިތަނަށް އަރާފައި މިއޮތް ވެލާގެ ސައިޒަށް ބަލާއިރު އަޅުގަނޑުމެންނަށް އެބަ އަންދާޒާ ކުރެވޭ ފުދޭ ވަރަކަށް އުމުރުން ދުވަސްވީ ވެލައެއް ކަމަށް. އެހެންކަމުން މި ސަރަހައްދުގައި އެހާ ގިނަ ދުވަސްވަންދެން ވެލައެއް އެހާ ބޮޑުވަންދެން އުޅެނިކޮށް ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމެއް." ޝާތިރު ވިދާޅުވިއެވެ.
ވެލާ ބިސް ފީކުރުމަށް އެންމެ ރަނގަޅީ، އެ ވެލައެއް ބިސް އެޅި ތަނުގައި ބެހެއްޓުމެވެ. ނަމަވެސް ބިހުން ވެލައެއް ނުކުންނަން ދެ މަސްވަރު ނަގާނެއެވެ. ރޭ މާލެއަށް އެރި ވެލާ އެޅި ބިސްތައް އެތަނުން ނަގައި، ފޯ ސީޒަން ކުޑަހުރައަށް ގެންގޮސް މިހާރު ވަނީ އެ ރިސޯޓުގެ އަތިރިމަތީގައި ވަޅުލައިފައެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ކުރަން ޖެހުނީ، ވެލާ ބިސް އެޅި ސަރަހައްދަކީ ބޮޑު ދިޔައިގައި ރާޅު ޖަހާ ހިސާބަކަށް ވެފައި ބިސްތައް ހަލާކުވުމުގެ ފުރުސަތު އެތަނުގައި ބޮޑުވުމުންނެވެ.
"ވެލާ ބިސް އަޅާފަ މިހުންނަނީ މޫދާ ވަރަށް ކައިރީގަ. ރާޅު ޖަހާ ހިސާބުގަ. އެތާނގަ މިއޮންނަނީ ކުޑަ ކުޑަ ތަންކޮޅެއް. އެހެންވީމަ ވާނެ ގޮތަކީ އަބަދުވެސް އެތަނަށް ރާޅު ޖަހާ ތެތްކޮށް މިހުންނަނީ. މާބޮޑަށް މޮއިސްޗަރައިޒްކޮށް އޮތީމަ ވާނެ ގޮތަކީ ބިސް ފީވުމަށް ހުރަސް އެޅޭނެ. ވަކި ވަރަކަށް މޮއިސްޗަރައިޒްވެސް ވާންޖެހޭނީ." އޭނާ ވިދާޅުވި އެވެ.
ބިސްތައް ފީކުރަން ގެންދިޔަ ފޯ ސީޒަން ކުޑަހުރާގައި ވެލާގެ ކަންކަން ދިރާސާކުރާ މީހެއް ހުރެއެވެ. އަދި އެތަނުގައި މީގެ ކުރިންވެސް ބިސްފީކޮށްފައި ބަލި ވެލާތަކަށް ފަރުވާވެސް ދީފައި އެބަހުއްޓެވެ. އެ ސަބަބުތަކާ ހުރެ އީޕީއޭއިން ގަބޫލުކުރާ ގޮތުގައި ވެލާ ބިސްތައް ފީކުރަން ގެންދިއުން އެންމެ ރަނގަޅު ތަނަކީ އެއީއެވެ.
އަހަރުތަކަކަށް ފަހު މާލެއަށް ވެލާ އަރައި ބިސް އަޅައިފައިވާއިރު، މާލޭގައި ގުދުރަތީ ގޮތުން ހެދިފައި އޮތް ހަމަ އެކަނި ފަސްގަނޑު ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށް މިއަދު ގިނަ ބަޔަކު ދެކެވެ. އެއީ ސައިންސުން އެނގެން އޮތް ގޮތުގައި ގިނަ ފަހަރު ވެލާ ބިސް އަޅަން އަންނަނީ އެ ސޮރުމެން މޫދަށް ފައިބައިގެންދާ ސަހަރައްދަށް ކަމަށް ވުމުން، މާލޭގެ "ވެލާ ފަސްގަނޑަކަށް" އިތުރު ވެލާ ބިސް އަޅަން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވުމުންނެވެ.
އީޕިއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ވެލާ އަރާ ސަރަހައްދު އެއަށް ރައްކާތެރިކަން ލިބޭ ގޮތަށް ހިމާޔަތް ކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް އީޕީއޭއިން މިހާރު އަންނަނީ ވިސްނަމުންނެވެ. ވެލާ އަރާ މޫސުމެއްގައި ތިން ފަހަރު ވެލާ އަރާއިރު، އެއަށްފަހު އެސޮރު އަރާނީ މަދުވެގެން ދެއަހަރު މެދަށް ދޫކޮށްފައެވެ. އެހެންކަމުން އެ ސޮރުމެންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކުރެވިއްޖެނަމަ ވެލާގެ އާބާދީ ރާއްޖޭގައި އިތުރުކުރެވިދާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް