ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ، ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތް "އެ ދުވަސް ގެނެވޭނެ" މިއަދު ނެރެފިއެވެ.

މިއަދު ހަވީރު ނޭޝަނަލް ލައިބްރަރީގައި ބޭއްވި ރަސްމިއްޔެއްގައި ސާއިލްގެ ފޮތް "އެ ދުވަސް ގެނެވޭނެ" ނެރެދެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ. ނަފްސާނީ ބަލިތަކާއި ބެހޭގޮތުން ފޮތެއް ނެރުމުން އަނީސާ ވަނީ ސާއިލްއަށް އެ ރަސްމިއްޔާތުގައި ޝުކުރު އަދާކުރައްވާފައެވެ.

ސާއިލްގެ ފޮތުގައި ހިމެނޭ ރިސާޗުތައް ހަދައިދީފައިވަނީ މެންޗެސްޓާ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އާމިނަތު ނައުޝާ އަހުމަދެވެ. ބޭސްވެރިކަމުގެ ގޮތުން ފޮތް ޕްރޫފްރީޑްކޮށްފައި ވަނީ ޑރ. އަބްދުލްއަޒީޒު ހަމީދެވެ. ފަންނީ ގޮތުން ފޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސައިކޮލޮޖިސްޓް ފާތިމަތު ސައުދާއެވެ.

ފޮތާއި ބެހޭގޮތުން މިރޭ "ވަން" އަށް މައުލޫމާތު ދެމުން ސާއިލް ބުނީ އެ ފޮތަކީ އޭނާ ކުޑައިރު ތަހައްމަލުކުރި ނަފްސާނީ ބަލިތައްކަމަށްވާ ޗައިލްޑްހޫޑް އެންޒައިޓީ އާއި އޯސީޑީގެ އިތުރުން ޑިޕްރެޝަނާއި އެންޒައިޓީއާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެކެވެ.

ސާއިލް ބުނީ އެ ފޮތުގައި އޭނާ އެ ބަލިތަކުން ފަރުވާ ހޯދުމަށް ކުރި މަސައްކަތުގެ ތަފްސީލު ވެސް ލިޔެފައިވާނެ ކަމަށެވެ. އެ ފޮތުގައި އެ ބަލިތަކާ ބެހޭ މައުލޫމާތުގެ ތެރޭގައި ބަލީގެ އަލާމަތްތަކާއި ބައްޔާ ބެހޭ ގޮތުގެ ތަފްސީލީ މައުލޫމާތުތަކެއް ލިޔެފައިވާނެ ކަމަށެވެ.

ސާއިލް ބުނީ ނަފްސާނީ ބަލިތަކުން އެންމެ ފަސޭހައިން އަރައިގަނެވޭނީ އެ ބައްޔަކާ ބެހޭ ގޮތުން މައުލޫމާތު އެނގިގެން ކަމަށެވެ. އަދި ބުނީ ތަފާތު މާހައުލުތަކުގައި ބަލީގެ އަލާމަތްތައް ތަފާތުވާނެ ކަމަށާއި ރާއްޖޭގައި ވެސް ޗައިލްޑްހޫޑް އެންޒައިޓީ އާއި އޯސީޑީގެ އަލާމަތްތައް ތަފާތު ކަމަށެވެ.

"މި ބަލިން ސަލާމަތްވުމަށް ބައްޔާ ބެހޭ މައުލޫމާތު އެނގެން އެބެޖެހޭ. އެއީ މި ބަލީގެ ސަބަބުންވާ ކަމެއްކަން އެގުން، އެކަން ފޮތުގައި ވަރަށް ބޮޑަށް ވާނެ ރިސާޗު ބޭސްކޮށް ލިޔެފައި.،" ސާއިލް ބުންޏެވެ.

"އެ ދުވަސް ގެނެވޭނެ" ރާދާ ބުކްޝޮޕުން ލިބެން ހުންނާނެއެވެ. އަދި އުރިދޫގެ ކޮމާޝަލް ޕްލެޓްފޯމް މޫލީ އިން ވެސް އެ ފޮތް ގަނެވެން ހުންނައިރު 9892563 މެސެޖު ކޮށްގެން ވެސް ފޮތް ގަނެވެން ހުންނާނެއެވެ. ފޮތުގެ އަގަކީ 100 ރުފިޔާއެވެ.

ސާއިލް އަކީ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ވެސް ހާސިލްކޮށްފައިވާ ނޫސްވެރިއެކެވެ.