ރާއްޖޭގެ ގައުމީ މާ ކަމަށްވާ ފިނިފެންމަލަށް ނިސްބަތްކޮށް މުޅިން އަލުން ފެނުނު މަހަކަށް ނަން ދީފިއެވެ.

މޯލްޑިވަސް މެރިން ރިސާޗް އިންސްޓިޓުއުޓް (އެމްއެމްއާރްއައި) އިން ބުނީ، ފިނިފެންމަލުން ނަން ދިން އެ މަހަކީ ލެބްރީޑިއާ ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެއް ކަމަށެވެ.

އެ މަހަށް ނަން ދީފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް "ކިރިލެބްރަސް ފިނެފެންމާ" އެވެ. އެ މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔާނީ "ރޯސް ވެއިލްޑް ފެއާރީ ރާސް" އެވެ. އެގޮތަށް އެ މަހަށް ނަން ދިނީ އެ މަހުގައި ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތްކޮށެވެ.

އެމްއެމްއާރްއައިއިން ބުނީ އެ މަހަކީ ރާއްޖެ އާއި ސްރިލަންކާގެ ސަރަހައްދުގެ ފަރުތަކުގެ ފުން ހިސާބުތަކުން ގާތްގަޑަކަށް 40 މީޓަރާއި 70 މީޓަރު އަޑިން ފެންނަ މަހެއް ކަމަށެވެ. މުޅިިން އަލަށް އެ މަހަށް ނަން ދިނަސް އެ މަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރު ވެސް ބޭނުން ކުރަމުންދާ މަހެއްކަމަށް އެމްއެމްއާރްއައި އިން ބުންޏެވެ.

އެ މަސް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއްކަމަށްވާ "ރިލެބްރަސް ރުބިރިސްކޮމިސް" މަހުގެ ނަމެވެ.

ނަމަވެސް ކެލިފޯނިއާގެ އެކަޑަމީ އޮފް ސައިންސަސްގެ "ހޮޕް ފޯ ރީފްސް އިނިޝިއަޓިވް" ގެ ދަށުން އެ އެކަޑަމީ އާއި ޔުނިވާސިޓީ އޮފް ސިޑްނީ، އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިއުޓާއި ފީލްޑް ނެޗުރަލް ހިސްޓޮރީ އާއި އަދި އެމްއެމްއާރްއައި ގުޅިގެން މިފަހުން ކުރި ދިރާސާތަކުގެ އަލީގައި އެ މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ޔަގީންކުރެވިފައިވާ ކަމަށް އެމްއެމްއާރްއައިއިން ބުންޏެވެ.

ދިރޭތަކެތީގެ ނަސްލާއި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ "ޒޫކީސް"ގައި "ކިރިލެބްރަސް ފިނެފެންމާ" އަކީ މުޅިން އާ މަހުގެ ބާވެއްތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ. އެ މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއެކު ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ މިހާރު ވަނީ ހިމެނިފައެވެ.

އެ މަހުގެ އިތުރުން ރާއްޖޭގެ ފުން ފަރުތަކުގައި (50- 150 މީޓަރު ދެމެދު) އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޮޕް ފޯ ރީފްސް އިނީޝިއޭޓިވް"ގެ ދަށުން ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސްއާ ގުޅިގެން މިއަހަރު ކުރި މަސައްކަތުން ދުނިޔޭގައި ވެސް މުޅިން އަލަށް ފެނިފައިވާ ކަމަށް ބެލެވޭ އަށް ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވާ ކަމަށް އެމްއެމްއާރްއައިއިން ބުންޏެވެ.

އެ މަސްތަކާއި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން އަލަށް ފެންނަ މަސްމަހަށް ވެސް ނަން ކަނޑައެޅުމުގައި އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ބޭނުންކޮށްގެން ނަން ކަނޑައެޅުމަށް ރޭވިފައިވާ ކަމަށް ވެސް އެމްއެމްއާރްއައިއިން ބުންޏެވެ.