މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޑުރަގު ރިހެބިލިޓޭޝަން ފަރުވާ ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ) ގުޅިގެން ކުރިއަށްގެންދާ ޑުރަގު ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގައި ތިބި ގައިދީންނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްފަހު މުޖުތަމައުއަށް ނުކުންނަ އިރު، އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިއުމެވެ.
މިއީ 2011 ވަނަ އަހަރު އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް ނަމަވެސް، އެ ގާނޫނަށް އަމަލުކުރަންފެށިތާ ދިހަ އަހަރު ފާއިތުވެގެންދިޔަ އިރުވެސް މިކަން ފަށައިފައެއް ނުވެއެވެ.
ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހާއްސަކޮށް ޖަލުގައި ޑުރަގު ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން، ކަރެކްޝަންސް އާއި އެންޑީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގާނީ އެކަމަށް ހާއްސަކޮށް، ތަމްރީނުކުރާ ކަރެކްޝަންސްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކައުންސެލަރުންނާއި، ކޭސްވޯކަރުންގެ އިތުރުން ޕްރިޒަން އޮފިސަރުންގެ ފަރާތުންނެވެ. އޭގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓާކެއާ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލު ގެނައުމާއި، މުޖުތަމައަށް ނުކުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ އެއްބަސްވުމުގައި ބާރު އަޅައެވެ.
ޑުރަގު ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްދާނީ މައިގަނޑު ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓާކެއާ ސާވިސްއެވެ.
ރިހެބިލިޓޭޝަން ޕްރޮގްރާމު ފެށުމަށް މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ރިހެބިލިޓޭޝަންގެ އިތުރު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި، ސެކްސް އޮފެންޑާސް ރިހެބިލިޓޭޝަން ޕްރޮގްރާމުގެ އިތުރުން ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުދި ކުށްތަކުގައި ޖަލަށް ގެނެވޭ މީހުންނަށް ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް މިހާރު އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އުއްމީދަކީ މިއީ ކާމިޔާބު ޕްރޮގުރާމަކަށް ވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކަރެކްޝަންސް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ރިހެބް ފަރުވާއަށްފަހު ޖަލުން މިނިވަންވާ ގައިދީންގެ ތެރެއިން މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
މިއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިއީ ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ހިންގޭ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު