މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑުގެ މަސައްކަތް މިއަހަރު ނިންމާލައި، މިއަހަރު ފަހުކޮޅު އެތަން ހުޅުވުމަށް ނިންމައިފިއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި ތައިލެންޑްގެ ސިންހާ އެސްޓޭޓު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅެވެ. އެންމެ ފަހުން އެ މަޝްރޫއާ ގުޅިގެން ކޮށްފައިވާ މަސައްކަތަކީ އާންމުންގެ ހިޔާލު ހޯދުމެވެ. އެކަމަށް ހުޅުވާލާފައިވަނީ ނޮވެމްބަރު 2019 ގައެވެ.

މާލޭގައި ދިރިއުޅޭ މީހުން ހަފުތާ ބަންދުގައި ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށް އެންމެ ފުރަތަމަ ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ނިންމީ އެނބޫދޫ ފަޅުގައެވެ. އެ މަސައްކަތް ނިމި، ޕިކްނިކް އައިލެންޑަށް ލަސްވެގެން 2020 ވަނަ އަހަރުގެ ކުރީކޮޅު ޕިކްނިކް ދެވޭވަރުވާނެ ކަމަށް ވެސް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވިއެވެ.

ނަމަވެސް އެނބޫދޫ ފަޅުގައި ތަރައްގީކުރަން ހަވާލުކުރި ޕިކްނިކް އައިލެންޑުގެ މަސައްކަތް އަދިވެސް ވަނީ ފެށޭ ގޮތް ނުވެފައެވެ. މިކަމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ އެނބޫދޫ ފަޅުގައި ހަދަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަހަރު ތެރޭ ނިންމައިލެވޭނެ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އެސް ހޮޓެލްސް ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑު ހެދުމާ ގުޅޭގޮތުން ހުސްވި ހަފުތާގެ ތެރޭގައި ޕްލޭނިން މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް މީގެ ކުރިން ހަވާލުކޮށްފައިވާ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލައި އާ ކުންފުންޏަކާ ހަވާލު ކުރީތޯ "ވަން" އިން ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ މިއީ ހަމަ އެއް ކުންފުންޏެއް ކަމަށެވެ.

އެސް ހޮޓެލްސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ފަހުކޮޅުގައި ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިމި ހުޅުވާނެ ކަމަށެވެ. ތިން ހެކްޓަރުގެ ހުސް ޖާގަ އޮންނަ އެރަށުގައި 500 މީހުންނަށް ހިދުމަތް ދެވޭ ވަރަށް ފެސިލިޓިތައް ތަރައްގީ ކުރާނެ ކަމަށް އެސް ހޮޓެލްސް އިން ބުންޏެވެ.

މާލެއިން ފުރައިގެން 15 މިނިޓުން ދެވޭ މި ފަޅުގައި ބީޗު ގޭމްސް ކުޅެވޭނެ ކަމަށާއި 200 މީޓަރުގެ ބީޗެއް އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ދަތުރު ދާ މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތަކާއި ބާބަކިޔު އޭރިއާއަކާއި ބަގީޗާއެއްވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެނބޫދޫ ފިނޮޅަށް އާންމުންނަށް ދެވޭނެ އަގު އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އަކްރަމް ވިދާޅުވީ ކޮންމެވެސް ވަރެއްގެ އަގެއް ނަގާނެ ކަމަށެވެ. ނަމަވެސް އަތްފޯރާ ފަށުގައި ދިވެހިންނަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އެނބޫދޫ ފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ފެށުން ލަސްވެފައިވަނިކޮށް، ސަރުކާރުން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ އިތުރު ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައެވެ. ތިލަފުށި ކައިރީގައި އޮންނަ ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރި އެ މަސައްކަތް އަންނަ މަހު ނިންމައިލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.