ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ނެގި ލޯނެއް ނުދެއްކުމުން، އެ ބޭންކަށް ނަގާފައިވާ ށ. ދޮޅިޔަދޫ އައިލެންޑް ރިސޯޓާއި މ. ގަސްވެލި ވިއްކާލަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

ތުރީ އޭ ކުންފުނިން ހިންގާ 100 އެނދުގެ ދޮޅިޔަދޫ ރިސޯޓް ވިއްކާލަން އެސްބީއައި އިން ތިންވަނަ ފަހަރަށް އިއްޔެ އިއުލާނުކޮށްފައިވަނީ 31 މިލިއަން ޑޮލަރަށެވެ. ދޮޅިޔަދޫ ރިސޯޓަކީ 2019 ގައި ވެސް އެސްބީއައި އިން ވިއްކުމަށް އިއުލާންކުރި ރިސޯޓެކެވެ. އެ ފަހަރު އެ ރިސޯޓު ވިއްކަން 42 މިލިއަން ޑޮލަރަށް އިއުލާނު ކުރި އިރު މިދިޔަ މަހު އެސްބީއައި އިން 33 މިލިއަން ޑޮލަރަށް އެ ރަށް ވިއްކާލަން އިއުލާނުކުރިއެވެ.

އެސްބީއައިއަށް ދޮޅިޔަދޫ ރިސޯޓް ވިއްކައިލުމުގެ ހުއްދަ ލިބިފައިވަނީ 2008 ވަނަ އަހަރު އެސްބީއައި އިން ދޮޅިޔަދޫ އިންވެސްޓަމްނަޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ނުދެއްކުމުން އެ ރިސޯޓް އެސްބީއައިއަށް ނެގުމަށް 2015 ވަނަ އަހަރު، ސިވިލް ކޯޓުން ހުކުމް ކުރުމާއެކުގައެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

ނިޔާވެފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)، އެސްބީއައި އިން ނެގި ލޯނެއް ނުދެއްކުމުން، އެ ބޭންކަށް ނަގާފައިވާ މ. ގަސްވެލި، މ. ދެކުނު ބޮޑުވެލި އަދި މ. ކުޑައުސްފުށި ވިއްކާލަންވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފިއެވެ.

އެސްބީއައި އިން މި ތިން ރަށް ވިއްކާލުމަށް އިއުލާނުކޮށްފައިވަނީ 15 މިލިއަން ޑޮލަރަށެވެ. ގަސްވެލި ވިއްކާލަން މިދިޔަ މަހުވެސް އެސްބީއައި އިން އިއުލާނުކުރިއެވެ. އެފަހަރު ގަސްވެލި ވިއްކާލަން ބޭންކުން އިއުލާނު ކުރީ 17 މިލިއަން ޑޮލަރަށެވެ. ގަސްވެލީގެ އިތުރުން ބޮޑުވެލި އަދި ކުޑައުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން އެސްބީއައިއަށް ދީފައިވަނީ 2018 މާޗް 28 ގައެވެ.

ދޮޅިޔަދޫ ރިސޯޓް، ގަސްވެލި، ދެކުނު ބޮޑުވެލި، އަދި ކުޑައުސްފުށި ގަންނަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ބިޑް ޑިޕޮސިޓްގެ ގޮތުގައި 15،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް އެސްބީއައި އިން ބުންޏެވެ. ބިޑް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހުގެ 17:00ގެ ކުރިންނެވެ.

މަނިކުގެ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް އެސްބީއައި މާލޭ ބްރާންޗުން ދޫކޮށްފައިވާ 15 މިލިއަން ޑޮލަރާއި އެސްބީއައި މޮރިޝަސް އިން ދޫކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ދައްކަން އަމުރުކޮށްފައިވާ މުއްދަތުގައި ނުދައްކައިގެން އެކަން ތަންފީޒުކުރުމަށް ކުރާ ދައުވާގެ މައްސަލަ ސިވިލް ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރެއްގައި ބުނެފައިވަނީ މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއްގެ ހިއްސާއަށް ބަދަލު ގެނައުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލިބިގެންވާ ރިސޯޓުތަކުގެ ލީސް ހޯލްޑް ރައިޓްސް އެއްވެސް ފަރާތަކަށް ބަދަލު ކުރެވޭނެ ފަދަ މުއާމަލާތެއް ނުކުރުމަށްވެސް އޭނާގެ ވާރިސުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކުރާ ކަމަށެވެ. އަދި އޭނާގެ އެއްވެސް ހިއްސާއެއް ތަމްސީލު ކުރުމުގެ ބާރު ވާރިސުންނަށް ލިބިގެންނުވާ ކަމަށްވެސް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.