ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް މިއަދު އިހުތިޖާޖުކޮށްފިއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށްދިޔަ ހިމޭން އިހުތިޖާޖުގައި ބައިވެރިވި މީހުން ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ އިހުތިޖާޖުކޮށްފައެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ދޫނިތައް އަނިޔާވެރިކޮށް މަރާލި މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ދޫނިތައް ހިމާޔަތްކުރުމަށް ގޮވާލައިފައެވެ. ބައެއް ފަރާތްތަކުން ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދުގެ އިސްތިއުފާއަށްވެސް ގޮވައިފައެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓް މާސްޓާއިންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ދޫނިތައް މަރާލީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ. ނަމަވެސް އޭޖީން ބުނެފައިވަނީ، އެ ދޫނިތައް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް ކަމަށާއި ލަފާ ދީފައިވާނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކަމަށެވެ.

ދޫނިތައް މަރާލި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދަށް އަންގަވައިފައެވެ.

ފިޝަރީޒް މިނިސްޓްރީން މަރާލާފައިވަނީ 120 ދޫންޏެވެ. އޭގެ ތެރޭގައި ގުރާގެ އާއިލާއަށް ނިސްބަތްވާ ދޫނިތައް ހިމެނޭ އިރު، އެ އެއްޗެހީގެ އަގު 80،000 ރުފިޔާއަށް އަރައެވެ.