މިއަހަރު ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގެ އިވެންޓެއްގެ ގޮތުގައި އީ ސްޕޯޓްސް ކެޓަގަރީތަކެއް ހިމަނަން ގަސްދުކޮށްފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދީފިއެވެ.
ކޮމަންވެލްތު ގޭމްސް އިންތިޒާމު ކުރާ ފަރާތް ކަމަށްވާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން (ސީޖީއެފް)އިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ ގޭމްސްގައި އީ ސްޕޯޓްސް ހިމަނާނީ ވަކި ކެޓަގަރީއަކަށް ބަލައިގެންނެވެ. މެޑަލްތައްވެސް އީ ސްޕޯޓްސް ކެޓަގަރީތަކުން ދޭނީ ވަކިންނެވެ. މިފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އީ ސްޕޯޓްސް ހިމަނަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ. އީ ސްޕޯޓްސް ކޮމަންވެލްތު ގޭމްސްއަށް ފުލްކޮށް ގެންނަން ވިސްނާފައި ވަނީ 2026 ވަނަ އަހަރަށެވެ.
ސީޖީއެފްއިން ކޮމަންވެލްތުގެ ގައުމުތަކުގެ ކުޅިވަރު ކުރިއެރުވުމަށް ކުރިއާލައި ތައްޔާރު ކޮށްފައިވާ ރޯޑް މެޕުގައިވެސް އީ ސްޕޯޓްސްއަށް އޮތް ފުރުސަތުތައް ފާހަގަކޮށްފައިވާ އިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޒުވާން އޯޑިއަންސްއަކަށް ކޮމަންވެލްތު ގޭމްސް ހުޅުވާލުމަށް އީ ސްޕޯޓްސް އިވެންޓްތައް ހިމެނުން މުހިއްމެވެ.
"އީ ސްޕޯޓްސްއަކީ ޒުވާނުން، ހާއްސަކޮށް ޒަމާނީ ކުޅިވަރުގެ ތެރެއިން މަގުބޫލުކަން އުފެދެމުން އަންނަ ދާއިރާއެއް. އެ ދާއިރާގެ ތެރެއިން ޒުވާނުންނަށް ހުރި ފުރުސަތުތަކަށް އަބަދުވެސް ސީޖީއެފްއިން އަންނަނީ ބަލަމުން. ކޮމަންވެލްތަކީ އަބަދުވެސް އެފަދަ ފުރުސަތުތަކަށް ހުޅުވާލެވިފައިވާ ވިސްނުމެއް ގެންގުޅޭ ބައެއް،" ސީޖީއެފްގެ ރައީސް ޑޭމް ލުއީސް މާޓިން ފާހަގަކުރެއްވިއެވެ.
ސީޖީއެފްއަށް އަލަށް އިންތިހާބުވި ޗީފް އެގްޒެކެޓިވް ކޭޓީ ސެޑްލިއާވެސް ވަނީ އީ ސްޕޯޓްސްއަށް ކޮމަންވެލްތުން ވިސްނާ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ މި ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮމަންވެލްތު ގޭމްސްއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އީ ސްޕޯޓްސް އިވެންޓުތައް ގޭމްސްގައި ހިމެނުންވެސް ފާހަގަވެއެވެ.
މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިންވެސް ވާދަކުރާނެއެވެ.
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވައިގެންނެވެ. އެދުވަހުގެ ޖަލްސާގައި އެކަމާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވިއެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސްކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ 2020 އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު