ޕެޓް މާސްޓާ އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި މާރާލީ، އެ ދޫނިތައް އަނބުރާ ފޮނުވާލުމުގެ ފުރުސަތު އެ ފަރާތަށް ދިނުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

"ޕެޓް މާސްޓާ" އިން ގެނެއި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ މިނިސްޓްރީން ބުނަމުންދަނީ ދޫނިތައް މަރާލާފައިވާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.

ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެެތެރެކުރުން މަނާ ބާވަތެއްގެ ދޫންޏެއް އެތެރެކޮށްފި ނަމަ ދޫނި މަރާ ނުލައި، އެތެރެކުރި ގައުމަށް އަނބުރާ ފޮނުވައިލެވެން ވެސް އޮވެއެވެ. ދޫނި ފޮނުވައިލުމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ދޫންޏެއް އެތެރެކުރި ފަރާތުންނެވެ. އަދި ގަވާއިދުގައިވާ ގޮތުން ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްޓޭޓްކޮށް ދޫނި ނައްތާލެވެން ވެސް އޮވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ވަން" އަށް މިރޭ ވިދާޅުވީ، ޕެޓް މާސްޓާއިން އެތެރެކޮށްފައިވާ ދޫނިތަކަކީ ރާއްޖެ އެތެރެކުރުން މަނާ ބާވަތްތަކުގެ ދޫނި ކަމަށާއި އެ ދޫނިތައް މަރާލާފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އަދި ދޫނިތައް މަރާލުމުގެ ކުރިން އެ ދޫނިތައް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ވެސް ޕެޓް މާސްޓާސްއަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދޫނިތައް މަރާ ނުލައި ވަރަށް ގިނަ ލުއިތައް ޕެޓް މާސްޓާއަށް ދީފައިވާނެ. އަޅުގަނޑުމެން އެދުނިން އެ ދޫނިތައް އެ ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށް. ނަމަވެސް ޕެޓް މާސްޓާއިން އެކަން ކޮށްފައެއް ނުވޭ،" ނަސްރުﷲ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޕެޓް މާސްޓާގެ މެނޭޖަރު ހުސައިން އާތިފު "ވަން" އަށް މިރޭ ވިދާޅުވީ އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ދިން ކަމަށާއި ނަމަވެސް އެއީ ހަރަދުގެ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ދޫނިތަކުގެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން "ވަން" އަށް މިރޭ ވިދާޅުވީ، ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެ ދޫންޏެއް ނައްތާނުލައި އެ ދޫންޏެއް އެތެރެކުރި ގައުމަކަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެ ދޫނިތައް އަނބުރާ ގައުމަށް ފޮނުވާލާފައި ނުވާ ކަމަށެވެ.

ހުސައިން ވިދާޅުވީ، އޭޖީން ލަފާ ދީފައިވާނީ ގާނޫނުގައިވާ ގޮތަށް ދޫނިތަކާ މެދު އަމަލުކުރުމަށް ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ދޫނިތައް އެތެރެކުރި މައްސަލައިގައި އެއްވެސް ފަރާތަކަށް މިނިސްޓްރީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

"އެކަމާ ގުޅޭގޮތުން މި އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކޮރަންޓީންކުރެވެނު އިރު، އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރަން ފެންނަ ވާހަކަ. އަދި މި މައްސަލައިގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ،" ހުސައިން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަރާލާފައިވާ ދޫނިތަކުގެ އަގު 800،000 ރުފިޔާއަށް އަރައެވެ.