އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ތިންވަނަ ހޯސްޓް ގައުމު ކެމަރޫނުން ހޯދައިފިއެވެ.
ރޭ ބުރްކީނޯ ފާސޯއާ ދެކޮޅަށް ކެމަރޫނުން ކުޅުނު މެޗުގެ ފުރަތަމަ ތިން ގޯލު ޖަހައި ބުރްކީނޯ ފާސޯން ބޮޑު ލީޑެއް ނެގި ނަމަވެސް، މެޗު ޕެނަލްޓީއަށް ދިޔައީ ކެމަރޫނުން ފަހަތުން އަރައި ނަތީޖާ އެއްވަރުކުރުމުން އިތުރު ވަގުތު ނުކުޅެ ޕެނަލްޓީއަށް ގޮސްގެންނެވެ. ޕެނަލްޓީ ކެމަރޫނުން ކާމިޔާބުކުރީ 5-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބުރްކީނޯ ފާސޯން ދެ ގޯލުގެ ލީޑެއް ނެގިއެވެ. ސްޓީވް ޔާގޯގެ ގޯލުގެ އިތުރުން ދެން ފެނުނީ ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފަށް ނުކުމެ ހާފުގެ ކުރީކޮޅުގައި ޖިބްރިލް އޮޓާރާ ޖެހި ގޯލުން ބުރްކީނޯ ފާސޯ ލީޑު އިތުރަށް ފުޅާކުރިއެވެ،
ރޭގެ މެޗު ކެމަރޫނުން ފެށީ ޓީމުގެ ތަރި، ކެޕްޓަން އަދި މުބާރާތުގެ ޓޮޕް ސްކޯރާ ވިންސެންޓް އަބޫބަކާރު ފުރަތަމަ 11 ގައި ނުހިމަނައެވެ. މެޗުގެ ފަހު ހާފުގައި އޭނާ ކުޅެން ނުކުމެފައިވާ އިރު، ކެމަރޫނުން މެޗު އެއްވަރު ކުރުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ އަބޫބަކާރެވެ. އޭނާ ފަހު ފަސް މިނެޓު ތެރޭގައި ދެ ގޯލު ޖެހި އިރު، މިހާތަނަށް މުބާރާތުގައި އަބޫބަކާރު ވަނީ އަށް ގޯލު ޖަހައިފައެވެ.
އެއީ 49 އަހަރަށްފަހު އެފްކޯންގެ އެއް މުބާރާތެއްގައި އެއް ކުޅުންތެރިޔަކު އަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެފްކޯންގެ އެއް މުބާރާތެއްގައި އަށް ގޯލަށްވުރެ ގިނައިން ކުޅުންތެރިޔަކު ޖަހައިފައި ވަނީ 1974 ވަނަ އަހަރު ޑާޔޭ މުލަންބާ އެވެ. އޭނާ ވަނީ އެއަހަރު މުބާރާތު ނުވަ ގޯލު ޖަހައިފައެވެ. އަބޫބަކާރުގެ އިތުރުން ކެމަރޫނަށް ގޯލު ޖަހައިދިނީ ސްޓެފެން ބަހޮކެން އެވެ.
މިރޭ އޮންނާނީ އެފްކޯންގެ ފައިނަލް މެޗެވެ. ފައިނަލުގައި ސެނެގާލުން ނުކުންނާނީ ރެކޯޑު ހަތް ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައިވާ މިސްރާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު