މިއަހަރުގެ ރޯދަ މަހަށް ކަރާ ހެއްދުމަށް އއ. ތޮއްޑޫން ދެލައްކަ އަކަމީޓަރުގެ ދަނޑުބިން ދޫކޮށްފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ތޮއްޑޫ ކައުންސިލުން އާއްމުކުރި ކަރާދަނޑުތަކުގެ ތަފުސީލީ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ރޯދަމަހަށް ކަރާ ހެއްދުމަށް 193،610 އަކަމީޓަރުގެ 116 ބިން ވަނީ ދޫކޮށްފައެވެ. އިތުރު 27،537 އަކަމީޓަރުގެ 26 ބިން ނީލަމުގައި ވިއްކާފައިވާ ކަމަށް އެކައުންސިލުން މައުލޫމާތުދެއެވެ.
މިތަފުސީލަށް ބަލާއިރު ތޮއްޑޫން މިއަހަރު ރޯދަމަހަށް ކަރާ ހެއްދުމަށް ޖުމުލަ 221،147 އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ. އަދި ނީލަމުގައި ވިއްކާލި ބިން ތަކުން ތޮއްޑޫ ކައުންސިލަށް ފައިދާގެ ގޮތުގައި 74،302 ރުފިޔާ ލިބިފައިވާކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ މި އަހަރު ކަރާ ދަނޑުތައް ދޫކުރުމުގައި އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށާއި އެގޮތުން އެހެން އަހަރުތަކުގައި ރޯދައަށް ދޫކުރާ ބިންތަކުގައި ގޮވާން ކުރަން ހުއްދަ ދީފައިވާނީ އެއް ފަހަރު ކަމަށާއި މި ފަހަރު ރޯދަމަހުގެ މެދުތެރޭގައި ދެވަނަ ފަހަރަށް އެ ދަނޑުތަކުގައި ގޮވާން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކަރަމް އިތުރަށް ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ އަހަރުކުވެސް ދޫކުރާ ކަރާދަނޑުތަކުތަގައި މިއަހަރު ފުރަތަމަ އިންދޭނީ އަންނަ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމަޔަށް ކަމަށާއި އެމުއްދަތުގައި ދަނޑުތަކުގައި އިންދޭނީ ކަރާ، ކިޔުކަމްބާ އަދި މެލަންގެ ވައްތަރުތައް ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެ ދަނޑުތަކުގައި އިންދޭނީ ރޯދަމަހުގެ މެދުތެރޭގައި ކަމަށްވެސް ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫން ރޯދައަށް ކަރާ ހައްދަން ކޮންމެ އަހަރަކުވެސް ރޯދައާ ދިމާކޮށް ބިން ދޫކުރެއެވެ. ރޯދައަށް ހައްދާ ބާވަތްތައް ގޮވާންކޮށް ނިމުމުން ދަނޑުބިން ހުސްކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ރޯދައާ ހަމަޔަށް އެ ދަނޑުތަކުގައި އެއްވެސް ބާވަތެއްގެ ދަނޑުވެރިކަމެއް ނުކުރާނެއެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ކުރީގައި އުޅޭ އެއް ރަށެވެ. އާބާދީގެ 90 ޕަސެންޓް ދަނޑުވެރިކަން ކުރާ ތޮއްޑޫ ބިމުގެ ތިންބައިކުޅަ އެއްބައި ހާއްސަކޮށްފައި އޮންނަނީ ދަނޑުވެރިކަން ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު