މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ މާދަމާއިން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓުފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 12.08 ރުފިޔާއަށް ކަމަށާއި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 14.26 ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މަސްވެރިންނަށް ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.50 ރުފިޔާއަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 13.19 ރުފިޔާއަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 12.44 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.06 ރުފިޔާއަށެވެ. މީގެ ކުރިން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 11.84 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 11.16 ރުފިޔާއަށެވެ.

މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. އެއާއެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.