ސެޓެލައިޓު މަފްހޫމްގެ ދަށުން ކިޔަވައިދިނުމަށް ބ. ފެހެންދޫ އަދި ވ. ތިނަދޫގައި ސަރުކާރުން ގާއިމުކުރި ދެ ސްކޫލުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މި ސްކޫލުތަކުގެ ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންގެ ލޮލުން ހިލިފައިހުރީ އުފާވެރިކަމުގެ ކަރުނަ ކަމަށާއި ސެޓެލައިޓް ނިޒާމުން އަމިއްލަ ރަށުގައި ތިބެގެން ކިޔަވައިދިނުމުގެ ފުރުސަތުފަހިވެގެން ދިއުމަކީ މުޅިރަށުގެ އާބާދީއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކުރާނީ މާދަމާ ކަމަށާއި ނަމަވެސް ދެ ސްކޫލެއްގެ ކިޔެވުން މިއަދު ފަށާފައިވާ ކަމަށެވެ.
ބ. ފެހެންދޫގެ ސެޓެލައިޓް ސްކޫލް ފަށާފައިވާއިރު އެ ސްކޫލުގައި ކިޔަވަނީ 27 ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވ ތިނަދޫ ސްކޫލުގައި ކިޔަވަނީ 5 ދަރިވަރުންނެވެ. އަދި މި ދެ ސްކޫލްވެސް ގުޅާލައިފައިވާ ހަބަކީ ހުޅުމާލެ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ދަރިވަރުން ބައިވެރިވާއިރު، ކިޔަވައިދެމުން ދާނީ ހުރަވީ ސްކޫލުގައި ގާއިމުކުރެވިފައިވާ ސެޓެލައިޓް ހަބްގައި ތިއްބަވާ މުދައްރިސުންނެވެ.
ސެޓެލައިޓް ޕްރޮގްރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަށަން ސަރުކާރުން ނިންމާފައިވަނީ ބ. ފެހެންދޫއާއި ވ. ތިނަދޫއާއި އެ އަތޮޅުގެ ރަކީދޫގައެވެ. ނަމަވެސް ރަކީދޫގައި ގާއިމުކުރާ އިމާރާތުގެ މަސައްކަތް އަދި ނުނިމޭކަމަށް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު