މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނީ، އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް ރިޒަލްޓް މިއަދުން ފެށިގެން ސެންޓަރުތަކުން ދޫކުރަމުން ގެންދާނެ ކަމަށެވެ. ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށް ވެސް ޑީޕީއީން ބުންޏެވެ.

ރާއްޖެއިން 2021 ވަނަ އަހަރު އޭލެވެލް އިމްތިހާނު 2،700 ދަރިވަރުން އެޑެކްސެލް އިމްތިހާނު ހަދާފައިވާ އިރު، 14 ސްކޫލަކުން 74 ދަރިވަރަކު ޓީޗާ ބޭސްޑު އެސެސްމަންޓު ވަނީ ހަދައިފައެވެ.

ކޮވިޑު-19ގެ ސަބަބުން އޭލެވެލް އިމްތިހާންތައް ފަސްކުރުމަށްފަހު އިމްތިހާނު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އަހަރު މޭ/ޖޫންގައެވެ. ނަމަވެސް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމައި މެދުކަނޑާލައިފައެވެ. އިމްތިހާނުގެ ފަސް ޕޭޕަރެއް ވަނީ ލީކުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރުތަކެކެވެ.

ޕޭޕަރުތައް ލީކުވުމުވުން އެޑިއުކޭޝަނުން އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު ދަރިވަރުންނަށް ހުށަހެޅީ ދެ ގޮތެކެވެ. އެއީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމާއި ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމައިލުމެވެ.