ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަޓާއިން ބުނީ ޕެންޑަމިކްއާ ގުޅިގެން ކެންސަލް ކުރި ފާއިތުވި އަހަރުގެ އެވޯޑަށް ހުށަހެޅުނު ނަންތައް މިއަހަރުގެ އެވޯޑަށް ހުށަހެޅޭ ނަންތަކާއެކުގައި ހިމަނާނެ ކަމަށެވެ.

މިއަހަރު ވެސް ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް އާއެކު ޖުމުލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓޭލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާ އިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވި އިރު، 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. 2019 ވަނަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ. އަދި ޕެންޑަމިކްއާ ގުޅިގެން 2020 ވަނަ އަހަރު އެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.