ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
"ގޯ ގްރީން"ގެ ނަމުގައި އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އެ ހަރަކާތުގައި ކްލީން މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފައިވެ އެވެ.
ކްލީން މޯލްޑިވްސް އިން ބުނީ، "ގޯ ގްރީން" ތީމަށް ތައްޔާރުކޮށްފައިވާ އެ ކަލަންޑަރަކީ އެ ޖަމިއްޔާގެ ފަރާތުން ބޭއްވި ކުރެހުމުގެ މުބާރާތުގައި ޖަޖް ޕެނަލުން ހޮވާފައިވާ 12 ކުރެހުން ހިމަނައިގެން ހަދާފައިވާ ކަލަންޑަރެއް ކަމަށެވެ.
ކްލީން މޯލްޑިވްސް އިން ބުނީ، "ގޯ ގްރީން" ހަރަކާތުގެ ދަށުން 3500 ގަސް އިންދަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ހަރަކާތުގައި އިންދާފައި ވަނީ 1000 ގަހެވެ. އަދި ބާކީ 2500 ގަސް ހަދިޔާކޮށްފައި ވަނީ އެޗްޑީސީއަށެވެ.
އެ ހަރަކާތަށް ކްލީން މޯލްޑިވްސްގެ ފަރާތުން 1500 ގަސް ހަދިޔާކޮށްފައިވާ އިރު، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންވެސް 1500 ގަސް ވަނީ ހަދިޔާކޮށްފައެވެ. އަދި ޕްރެމިއާ ޑެސްޓިނޭޝަންއާއި ސިނެސްގެ ފަރާތުންވެސް، ކޮންމެ ފަރާތަކުން 250 ގަސް ހަދިޔާކުރި އެވެ.
ކްލީން މޯލްޑިވްސް އިން ބުނީ، ގޯ ގްރީން ކެމްޕެއިނުގެ އަމާޒަކީ ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ކަމަށެވެ. އެގޮތުން އިއްޔެގެ ހަރަކާތުގައި ސްކޫލްތަކުން 250 ދަރިވަރުން ބައިވެރިވެރިވި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ގިޔާޒުއްދީން ސްކޫލާއި އަހުމަދިއްޔާ ސްކޫލްގެ އިތުރުން އެމްއައި ކޮލެޖްގެ ދަރިވަރުން ހިމެނެ އެވެ.
ގޯ ގްރީން ކެމްޕެއިނުގެ ދަށުން ކްލީން މޯލްޑިވްސް އިން ވަނީ 2019 ވަނަ އަހަރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2،000 ގަސް އިންދައިފައެވެ. ގޯ ގްރީން ކެމްޕެއިނުގެ މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު