ގއ. ކޮނޑޭ ސްކޫލުގައި އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައިފިއެވެ.

"ވަން" އަށް މައުލޫމާތުދެމުން ކޮނޑޭ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ، އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައިފައިވަނީ އެރަށު ސްކޫލުގެ ގްރޭޑް ފަހަކާއި ހަތަރަކަށް ކިޔަވައިދޭ އިނގިރޭސި ޓީޗަރު ކަމަށެވެ. އެ ޓީޗަރަކީ އިންޑިއާގެ ފިރިހެން ޓީޗަރެއް ކަމަށް އޭނާ ބުންޏެވެ.

"މިވީ ގޮތަކީ އެދުވަހު ބައެއް ދަރިވަރުން ނުގެނޭ އިނގިރޭސި ފޮތެއް. އެހެންވެ އެކަމާ ޓީޗަރު ރުޅި އައިސްގެން އިސްލާމް ފޮތް ބިންމައްޗަށް އެއްލާލީ މިއީ ނަރަކަ ފޮތެކޭ ކިޔާފައި،" ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ، އެ ސްކޫލުގެ ބިދޭސީ އެހެން ޓީޗަރަކު އެ ގްރޭޑުތަކުގެ ކުދިންނަށް ކްރިސްމަސް ގަސް ހަދާނެ ގޮތް ކިޔައިދީފައިވާ ކަމަށާއި އެ ޓީޗަރަކީ އިންޑިއާގެ އަންހެން ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ދަރިވަރުންނަށް ކްރިސްމަސް ގަސް ކަރުދާހުން ހަދާނެ ގޮތް ކިޔައިދިނީ ކްރިއޭޓިވް އާޓް ގަޑީގައެވެ.

ކޮނޑޭ ސްކޫލުގައި އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް އެއްލާލި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިހާތަނަށް އަދި އެއްވެސް ބަހެއް ދީފައެއް ނުވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ސ. އަތޮޅު މަދަރުސާގައި ވެސް އިންޑިއާ ޓީޗަރެއްގެ ފަރާތުން ވަނީ އެފަދަ މައްސަލައެއް ހިނގައިފައެވެ. އެ ސްކޫލުގައި ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާގެ ފިރިހެން ޓީޗަރަކު ވަނީ ކުލާހުގައި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް، ދަރިވަރުންނަށް ލާދީނީ އެތައް ވާހަކައެއް ކިޔައިދީ، ކަލަކުވާ ކަމާ މެދު ސުވާލު އުފައްދައިފައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުރީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.