މިޔަންމާގެ ކުރީގެ ލީޑަރު އާންގް ސަން ސޫ ކީ ހަތަރު އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ. އެކަމަނާގެ މައްޗަށް ހުކުމްކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައެވެ.
ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި އެކަމަނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އެ ގައުމުގެ ރަސްމީ ނިންމެވުންތަކާ ފާޅުގައި ދެކޮޅު ހެއްދެވުމާއި ކޮވިޑުން ރައްކާތެރިވުމަށް އެގައުމުގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވެފައިވާ ކަން ސާބިތުވެފައިވާތީއެވެ. އެކަމަނާގެ މައްޗަށް މިހާތަނަށް 11 ދައުވާއެއް އުފުލާފައިވާއިރު އެހުރިހާ ދައުވާތަކަކަށްވެސް ވަނީ އިންކާރުކުރައްވާފައެވެ.
މިޔަންމާ ސަރުކާރުގެ އޮފިޝަލަކު އޭފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަސްމީ ނިންމެވުންތަކާ ފާޅުގައި ދެކޮޅު ހައްދަވާކަން ސާބިތު ކުރެވި ދެ އަހަރުގެ ހުކުމް އެކަމަނާގެ މައްޗަށް އިއްވާފައިވާކަމަށާއި ކޮވިޑުން ރައްކާތެރިކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި ހިލާފުވެފައިވާކަން ސާބިތުވެ އިތުރު ދެ އަހަރުގެ ހުކުމެއް އިއްވާފައިވާ ކަމަށެވެ.
އާންގް ސަން ސޫ ކީގެ އިތުރުން އެގައުމުގެ ކުރީގެ ރައީސް ވިން މިންޓްގެ މައްޗަށްވެސް ވަނީ މި ދައުވާތައް ސާބިތުވާ ކަމަށް ހުކުމްކޮށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ރައްޔިތުންގެ އިންތިހާބުން ހޮވުނު ސަރުކާރެއް ހިންގަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 76 އަހަރުގެ އާންގް ސަން ސޫ ކީ ވެރިކަމުން ދުރުކުރެވިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އެގައުމުގައި ހިންގި ބަގާވާތަކުންނެވެ. އަސްކަރިއްޔާއިން ބަގާވާތްކޮށް ބާރުތައް ނަގާފައިވަނީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެއެވެ. އިންތިހާބުގައި ސޫ ކީ ގެ އެންއެލްޑީ ޕާޓީ ވަނީ ކުޑަ ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ.
ނޮބެލް ޕީސް ޕްރައިސް ހާސިލުކުރެއްވި އާންގް ސަން ސޫ ކީ ބަގާވާތަކުން މިޔަންމާގެ ލީޑަރުކަމުން ދުރުކުރެވި ގޭން ބަންދުގައި ބަހައްޓާފައިވާއިރު އެ ކަމަނާގެ މައްޗަށް އިތުރަށް ކުރާ ދައުވާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ގައުމުގައި ހަމަނުޖެހުން ހިންގުމުގެ އިތުރުން އެގައުމުގެ މަތިފަޑީގެ ސިއްރުތައް ހިފެހެއްޓުމަށް އެކުލެވިފައިވާ ގާނޫނާ ހިލާފުވުންވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ