ކ. ރަސްފަރީ ފަރަށް ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމާއި ޖޫރިމަނާގެ ގޮތުގައި އެ ބޯޓުން ދައްކަންޖެހޭ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދައްކައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރިފަރާތުން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމުންވެސް އީޕީއޭގެ ނިންމުން ބަދަލު ކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް ޝައުނާ ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޓުގެ ވެރިފަރާތާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެއަށްފަހު ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ 10 މިލިއަން ޑޮލަރު އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލު ބޯޓުން ދައްކައިފައިވުމުން، އެ ބޯޓް ރާއްޖެއިން ފުރުމުގެ ހުއްދަ ދިނުމަށް މިހާރު ވަނީ ނިންމައިފައެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު މިއީ ފުރަތަމަ ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ހަރަދު ކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނުވެސް މިއީ ފުރަތަމަ ފަހަރެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ތިމާވެއްޓަށް ލިބޭ އެފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރު ކުރުމުގެ ގޮތުން އެ ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
އީޕީއޭގެ ޑިރެކްޓާ އިބްރާހީމް ނައީމު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގެ ވަކީލުންނާއި މުރަކައިގެ ސައިންސްވެރިންނާ ގުޅިގެން އީޕީއޭގެ ޓީމުންކުރި ސާވޭތަކާއި ސަރުކާރުން ދެއްކި ވާހަކަތަކުން ދައުލަތަށް ލިބުނު 10 މިލިއަން ޑޮލަރު ހަރަދުކުރާނީ އީޕީއޭ ހަރުދަނާކުރުމަށާއި ފަރުގެ މުރަކައިގެ ދިރުން އަލުން އާލާކުރުމަށް ކަމަށެވެ. ފަރުގެ ދިރުން އާލާކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރަށްއެރި "އެމްވީ ނެވިއޯސް އެމެރައިލިސްއަކީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެކެވެ. އެ ބޯޓު ފަރަށް އެރީ އިންޖީނު ހުއްޓި އޮޔާ ދަނިކޮށެވެ. ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.
ރަސްފަރި ފަރަކީ ހިމާޔަތްކޮށްފައިވާ ގުދުރަތީ ދިރުންތަށް ގިނަ ފަރަކަށްވުމުން އެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އީޕީއޭއިން މީގެ ކުރިން ބުނެފައިވަނީ، ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ ސަރަހައްދުތަކުގައި ހުރި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު