ތަރައްގީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް ނައިބު ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް އެގޮތަށް އެދިވަޑައިގަތީ އިއްޔެ ހދ. ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ނައިބު ރައީސް ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ނެއްލައިދޫގެ ތަރައްގީއަށް މަޝްރޫއުތައް ކުރިޔަށް ގެންގޮސްދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ކައުންސިލުން ފާހަގަކުރެއްވި ކަމަށެވެ.

ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުންނާއި ރަށުގެ އިގްތިސޯދީ އިޖްތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ސްކޫލާއި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަ ކޮށްފައި ކަމަށާއި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް އިތުރު އިންސާނީ ވަސީލަތް ބޭނުންވާ ކަމާއި ހިދުމަތުގެ ފެންވަރު މަތި ކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނެއްލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ވެސް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަ ކޮށްފަ އެވެ.

ރަށުގެ ކައުންސިލާއި އިދާރާތަކުގެ ވެރިންނާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ނައިބު ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ. ކުުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަހައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހައްދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.