ފަހުގެ ތާރީހެއްގައި ދިވެހިން ދުށް އެންމެ ބިރުވެރި ދުވަހަކީ 3 ނޮވެމްބަރު 1988 އެވެ. އަރާމު ނިދިން ދިވެހިން ހޭލައްވައިލީ ބަޑީގެ އަޑަށެވެ. ދިވެހިންގެ އަތުން ދިވެހިންގެ ބިން ފޭރިގަތުމަށް، ދިވެހިންގެ ތެރެއިން ގައްދާރުވި ބަޔަކު އިސްވެ ތިބެ، ތިން އުދުވާނީ ހަމަލާތަކުގައި 19 ދިވެހީން ޝަހީދުކޮށްލި އެވެ. ދިވެހި ބިން ލެއިން ކަޅިކޮށްލި އެވެ. އެތައް ބަޔަކު ރަހީނުކޮށް، ފިހާރަތައް ލޫޓުވައި މީހުންގެ މުދަލަށް ގެއްލުން ދިނެވެ. އެ ބިރުވެރި، ނާމާން ދުވަސް މަތިން ދިވެހިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެ ބިރުވެރިކަން އެތައް ދިވެހީންނެއްގެ ހިތުގައި މިއަދުވެސް އާވެ އާވެ އެބަހުއްޓެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ބިރުވެރިކަން ތަހައްމަލުކޮށްފައިވާ އެކަކީ، އެއިރު ސިފައިންގޭގައި އުޅޭތާ 19 އަހަރުވެފައިވާ ލާންސް ކޯޕަރަލް ހާލިދު މޫސާ އެވެ. ހާލިދަކީ، ސިފައިންގޭގައި ގިނަ ތަމްރީންތަކެއް ފުރިހަަމަކޮށްފައިވާ އޮފިސަރެކެވެ. ހާލިދު ކިޔައިދިން ގޮތުގައި، ތަމަޅަ ޓައިގަރުން، މާލެ އެރިއިރު، އޭނާ އާއި އޭނާގެ އަންހެނުން ރަހީމާ، ތިބީ އެމީހުން ދިރިއުޅެމުން އައިގެ ކަމަށްވާ ގ. ތޯނީއައްސޭރީ ގައެވެ. އެއިރު ސިފައިންގޭގެ އުސޫލު އޮންނަ ގޮތުން ނަމަ 24 ގަޑިއިރު މަސައްކަތް ކުރުމަށް ފަހު 12 ގަޑިއިރުގެ އޮފެއް ލިބެއެވެ. ތަމަޅައިން ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހަމަލާދިން ރޭ ދިމާވީ ހާލިދުގެ ޗުއްޓީ ރެއާއެވެ. ބުރަ ދުވަހެއް ނިންމާލުމަށް ފަހު، ނޮވެމްބަރު 2 ވަނަ ދުވަހުގެ ހާލިދު ގެއަށް ދިޔައީ ޖެހިގެން އޮތް ދުވަހު، އަނެއްކާވެސް މަސައްކަތަށް ނުކުންނަން ޖެހޭތީއާއެކު އަރާމުކޮށްލުމަށާއި އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަށެވެ.
ހާލިދު ކިޔައިގެން ގޮތުގައި އެރޭ އޭނާއަށް ހޭލެވުނީ، ބަޑި ޖަހާ އަޑަށެވެ. އެއިރު ފަތިސް ނަމާދަށް ނުގޮވާނެ ކަމަށް ހާލިދު ބުންޏެވެ. ހާލިދު ބުނި ގޮތުގައި އޭނާ ފުރަތަމަ ހީކުރީ، އެއީ ނޮވެންބަރު 11ގެ ހަރަކާތްތަކަށް ސިފައިން ފަރިތަކުރާ އަޑު ކަމަށެވެ. އެކަމަކު ކުޑަ އިރުކޮޅެއް ފަހުން ތަކުރާރުކޮށް އެ އަޑު އިވެމުން ދިއުމާއެކު "ތިމަންނާ މި އަންނަނީއޭ" ކިޔައި އަޑުގެ ނެތް ތަނަށް ގޮވާލުމަށް ފަހު ހާލިދު އަވަސްވެގަތީ، ވެގެން އުޅޭ ގޮތެއް ބެލުމަށް ނުކުތުމަށެވެ. އެއިރުވެސް ބާޣީން އަރައިގެން އުޅޭ ކަމެއް ހާލިދަކަށް ރޭކާއެއް ނުލައެވެ. އެހެންވެ، ޔުނިފޯމު ލުމަށް ފަހު، ތޯނީއައްސޭރީގެ ދޮރާށިން ނުކުމެ، ބަޑީގެ އަޑު އަންނަ ދިމާލަށް ހިނގައިގަތެވެ. އަޑު އިވުނީ މާދުރަކުން ނޫނެވެ. މުލިއާގެއާ ވީ ފަޅިން އަލިކިލޭގެފާނު މަގު ނިމޭ ހިސާބުގައި، ހުރި ގ. މާޖެހިގެއާ ހިސާބު ކަޅު ކުލައިގެ ސޯޓުބުރިއެއް ލައިގެން ނޫކުލައިގެ ޓީޝާޓުގައި ތަމަޅަ ޓައިގަރުންގެ ހަތަރު މީހަކު ތިބި ކަމަށް ހާލިދު ކިޔައިދިނެވެ. ހާލިދު ފެނުމާ އެކު "ޕޮލިސް ޕޮލިސް"އޭ ގޮވައި އެމީހުންގެ އަތުގައި އޮތް "ރައިފަލް" އިން މައްޗަށް ބަޑިޖަހަން ފަށައި ހާލިދު ފަހައި އެމީހުން އަންނަން ފެށިއެވެ.
ފުރާނަ އަތްމައްޗަށް ލައިގެން، ދުވެފައި، ހާލިދު އައިސް ވަނީ އޭނާގެ ގެއަށެވެ. ފަސް އެނބުރި ބަލައެއް ނުލައެވެ. ގެއަށް ވަން ގޮތަށް ދޮރު ތަޅުލައި، ދޮރުގެ ހުރަހަށް ވާ ގޮތަށް ދަގަނޑު ހޮޅިއެއް ފައްތަރު ކުރިއެވެ. އެއީ ދޮރު ހަލާކުކޮށްލައިގެންވެސް ވަންނަން އުނދަގޫވާނީ އޭރުން ކަމަށްވާތީއާވެސް އެކީއެވެ. ހާލިދު ދިރިއުޅުނު ގެ، ތޯނީއައްސޭރިއަކީ ވަށާފާރު އުހަށް ރާނާފައި ހުރި ގެއެއްކަމުން ބޭރުން އަންނަ ބަޔަކަށް ގޯތިތެރެއެއް ނުފެނެއެވެ.
ތޯނީއައްސޭރިއާ ޖެހިގެން ހުރީ ގ. ބްލޫވޭވް ގެއެވެ. އެގެއަކީ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން އަބްދުލްގައްޔޫމްގެ ކާރުކޮޅު ދުއްވާ ޑްރައިވަރު، އަލީ ދިރިއުޅެމުން އައިގެއެވެ. ހާލިދު ބުނި ގޮތުގައި އޭނާ ފަހަމުން ތަމަޅައިންނަށް އޭނާ ވަން ގެ ސާފެއް ނުވިއެވެ. އެހެންވެ، އެމީހުން ފުރަތަމަ ވަނީ މަރާމާތަށް ދޮރާށި ތަޅާލާފައިވާ ބްލޫވޭވްއަށެވެ. އެ ގެއަށް ވަދެ، ހާލިދު ހޯދުމަށް މުޅި ގެ، އަތްފުނާ އެޅިއެވެ. ކޮޓަރިތަކާއި ބަނދިގެއާ ބެލިއެވެ. ގިފިއްޔަށް ވަދެ، ގިފިލީގައި ހުރި ދަރުތައްވެސް އެފުށް މިފުށަށް ޖެހައި، ތަމަޅައިން އެގެއިން ނުކުތީ ހާލިދު އެގޭގައި ނެތްކަން ޔަގީން ކުރުމަށް ފަހުއެވެ. އެއިރު، އެގޭގައި، ދިވެހި އަންހެނަކާއި އޭނާގެ ދަރީން އުޅުނެވެ. ނަމަވެސް އޭގެން އެއްވެސް މީހަކަށް ތަމަޅައިން ގެއްލުމެއް ނުދެއެވެ.
ބްލޫވޭވް އިން ނުކުމެ، ތަމަޅައިގެން ދެން ތަޅަން ފެށީ، ހާލިދު ހުރި ތޯނީއައްސޭރީގެ ދޮރާށީގައެވެ. އެމީހުން އެތަން ދޫކޮށް ދިޔައީ އެތައް އިރަކު ދޮރުގައި ތެޅުމަށް ފަހު، އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެގޭގައިވެސް މީހަކު ނޫޅެނީ ކަމަށް ނިންމައިގެން ކަމަށް ވެދާނެ ހާލިދު ކިޔައިދިނެވެ.
"ނަސީބެއް އެއީ، އަހަރެން ވަން ގެ، އެމީހުންނަށް ނުފެނުނުކަން. އެމީހުން ފުރަތަމަ އައިސް ވަނީ ޑްރައިވަރު އަލީގެއަށް. މުޅި އެގެ ބަލައި ފާސްކޮށްފައި އެމީހުން ނުކުތީ މިތާގައި ޕޮލިސް އެއް ނެތޭ ކިޔާފައި، ދެން އައިސް އަހަރެމެން ގޭގެ ދޮރުގައި ތަޅަން ފެށީ، އެތެރެއިން ދޮރުގައި ހުންނާނީ ދަގަނޑުބުރިއެއް ފައްތަރުކޮށްފައި، އެއީ ދޮރުގެ ތަޅު ހަލާކުވިޔަސް ވަންނަން އޭރަށް އުނދަގޫވާނެތީ. ވަރަށް އިރު ދޮރުގައި ތެޅުމަށްފަހު އެމީހުން ދިޔައީ" ހާލިދު ކިޔައިދިނެވެ.
ޓައިގަރުން ހާލިދު ދިރިއުޅުނު ގެ ދޫކޮށް ދިއުމުން، ހާލިދު ބޭނުންވީ، ސިފައިންގެއަށް ދިއުމަށެވެ. އެހެންވެ، ޑިއުޓީ ސަރުދާރަކަށް އެއިރު ހުރި އަލީ ރިޒާއަށް އެކަން އެންގުމުން، ސިފައިންގެއަށް ވަދެވޭނެ މާހައުލެއް އެވަގުތު ނެތް ކަމަށް ބުނެ، ރިޒާ އެންގީ ހާލިދު ގޭގައި މަޑުކޮށް އަނެއް ދުވަހު، ސިފައިންގެއަށް އައުމަށެވެ. ނަމަވެސް އެހާ އިރު ވަންދެން ހާލިދަކަށް މަޑެއް ނުކުރެވުނެވެ. އިރުއެރުމާއެކު، ސިފައިންގެއަށް ދިއުމަށް ހާލިދު ގެއިން ނުކުތެވެ. ނަމަވެސް ސިފައިންގެއަށް ވަދެވޭނެ ގޮތެއް ނެތި ހާލިދު އާއި އެހެން ބައެއް ސިފައިންގެ މީހުން ތިބެން ޖެހުނީ އިސްލާމީ މަރުކަޒުގައެވެ. ސިފައިންގެއަށް ވަދެވޭ ވަރުވީ، މާލެތެރެ ހަމައަކަށް އެޅި ހަމަލާތައް މަޑުޖެހިލުމުން، އެ ދުވަހުގެ މެންދުރެއްހާއިރު، ސިފައިންގޭގެ ޕޮލިސް ގޭޓުންނެވެ.
ހާލިދު ކިޔައިދިން ގޮތުގައި، ނޮވެމްބަރު 3ގެ މަންޒަރުތައް މިއަދުވެސް އޭނާއަށް ކުލަވެއެވެ. އެ މަންޒަރުތައް އޭނާގެ ސިކުނޑީގައި މިއަދުވެސް ހަރުލާފައި އެބަހުއްޓެވެ. ހާލިދު ސިފައިންގެ ވަޒީފާއިން ވަކިވީ އެތަނުގައި 30 ވަރަކަށް އަހަރު ހޭދަކުރުމަށް ފަހުއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް