ސްވިޑެންގެ ލެޖެންޑަރީ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗުގެ ކެރިއަރުގައި އޭނާ ޖެހި 400 ވަނަ ގޯލާއެކު އިޓަލިއަން ސެެރެއާ އޭގައި ރޭ އޭސީ މިލާނުން ރޯމާ ބަލިކޮށްފިއެވެ.
އިޓަލީ ފުޓުބޯޅައިގައި މިވަގުތު ފޯމު ރަނގަޅުކޮށް އޮތް ޓީމުތަކުގެ ތެރޭގައި އޭސީ މިލާނާއި ރޯމާ ހިމެނޭއިރު، ރޭ ރޯމާ ދަނޑުގައި މިލާނުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު މިލާނުން ވަނީ ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ. ދެޓީމަށްވެސް 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އިންޓަ މިލާން އޮތީ 11 މެޗުން 24 ޕޮއިންޓާ އެކުގައެވެ. ރޯމާއަށް ހަތަރު ވަނަ ލިބެނީ 11 މެޗުން 19 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގައި އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗު ޖެހި ފުރަތަމަ ގޯލަކީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި އިބްރަހިމޮވިޗު އޭނާގެ 400 ވަނަ ގޯލު ކާމިޔާބުކުރިއިރު، އެއީ އޭސީ މިލާން ޖާޒީގައި އޭނާ ޖެހި 56 ވަނަ ގޯލެވެ. އެއީ މިފަހަރު ކްލަބަށް ބަދަލުވިފަހުން ޖެހި 28 ވަނަ ގޯލެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި މިލާނުން ނަތީޖާ ފުޅާކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އިބްރަހިމޮވިޗަށް ރޯމާ ޑިފެންޑަރު ރޯގާ އިބަނޭޒް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެސޭއެވެ. މެޗުގެ 66 ވަނަ މިނެޓުގައި މިލާންގެ ތިއޯ ހެނާންޑޭޒްއަށް ރަތް ކާޑު ދައްކާފައިވާއިރު، ރޯމާގެ ހަމައެކަނި ގޯލު މެޗު ނިމެން ދަނިކޮށް ޖަހައިދިނީ އަލް ޝަރާވީއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު