ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑަށެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީ ހޯގާޑްގެ ފަރާތުން އެ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޖޯގަން ފެލްޑްބޯގް ސްކާރަޕް ވަނި ބައިވެރިވެލައްވާފައެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓާ އާއި 150 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމުކުރާނެ ކަމަށެވެ. ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިމަޝްރޫއަށް 14.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑް ކުންފުނިން ދަނީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.