މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ދޫނި ހިޖުރަކުރަމުން އަންނަ ދުވަސްވަރަކަށްވާތީ، ރާއްޖެ ހިޖުރަކުރާ ދޫނި ހިފައި، ހައްޔަރުކޮށް، ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަނދާންކޮށްދީފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށެވެ.

ރާއްޖެ ހިޖުރަކުރާ ދޫނިތައް ހިމާޔަތްކޮށްފައިވާއިރުވެސް ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފައި، ހައްޔަރުކޮށް، ދޫންޏަށް ގޯނާކުރަމުންދާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެއީ އެ އެޖެންސީގެ ކަންބޮޑުވުމެއް ކަމަށް އީޕީއޭއިން ބުންޏެވެ.

"ފުޓްބޯޅަ ދަނޑުތަކުގައިއާ ހާމައަށް ހުންނަ ބިންތަކުގައި އާއި ހިއްކާފައިވާ ބިންތަކުގައި މަޅިފަށްޗާއި ދަންތުރަ އާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވަން،" އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ މި މޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް، ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއް ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އީޕީއޭއިން އިތުރަށް ބުނީ ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތައް ތިމާވެއްޓަށްދޭ ގެއްލުމަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެވެ.