ހެއްކާބެހޭ ބިލަށް، ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ސަރުކާރުން ހުށަހަޅާފައި އިސްލާހު އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުންވެސް ގޮވާލައިފިއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ އިސްލާހާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެޑިޓާސް ގިލްޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދިމިގުރާތީ ވެށީގެ ޅަ ކަމާއި، ފަނޑިޔާރު ގެތަކަށް އެކި ނުފޫޒު އޮންނަ ކަމަށް ތުހުމަތު ކުރެވޭ މާހައުލެއްގައި ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އިސްލާހު ކުރުމުގެ ނަތީޖާއަކަށް ވާނީ މިނިވަން ނޫސްވެރިކަން ނެތިދިއުން ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކާއި އާންމު ގަބޫލު ކުރުންތަކުގައިވެސް މަސްދަރު ނުވަތަ ސޯސް ހާމަކުރުމަކީ ދިމިގުރާތީ ވެށީގައި އަމަލު ކުރާ ގޮތް ކަމަށް ނުވާއިރު މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވުމުގެ ނަތީޖައަކަށް ވާނީ، ކޮރަޕްޝަނާއި ފަސާދައާއި އެނޫންވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހި، ބިރުވެރިކަމެއްގެ ތެރެއަށް ދިއުން ކަމަށްވެސް ބުންޏެވެ.

އެޑިޓާސް ގިލްޑުން ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތް އިރު، ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް މުތުލަގަށް ބުނެފައިވާ ކަމަށެވެ.

އެޑިޓާސް ގިލްޑުން އިތުރަށް ބުނީ، ދާދި ފަހުން ހެދި ވިސަލްބްލޯވާ ގާނޫނުގެ މަފްހޫމަކީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި އެއާ ދިމާ އިދިކޮޅަށް ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ނުވަތަ ސަރުކާރުގެ އިންޓެންޝަކީ ކޮބައިކަން ސާފު ނުވާއިރު ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ބައި އުނިކުރަން އެޑިޓާސް ގިލްޑުން ގޮވާލައިފައިވާ އިރު، އެ ބައި އުނިކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސް ވަނީ ގޮވާލައިފައެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެމީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.