ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިއަދު ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށުގެ ޒުވާނުންތަކެއް އޭނާގެ އިސްތިއުފާއަށް ގޮވައި ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށް އޭނާ އެރަށުން ބާލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަރީފުއާ ދެކޮޅަށް ފިއްލަދޫގެ ރައްޔިތުން ނުރުހުން ފާޅުކުރީ އޭނާ ހުންނެވި ތަނެއްގެ ބޭރުގައި ތިބެގެންނެވެ.

ރައްޔިތުން ނުރުހުން ފާޅުކުރީ ދައްޕަަރު މައްސަަލައާއި މަޖިލިސް މެންބަރުކަމަށް ހޮވިވަޑައިގަތުމަށްފަހު އެރަށަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުން މަދުކަމުންނެވެ. އެގޮތުން ކޮންމެ މަހަކު ތިން ފަހަރު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް އެގޮތަށް ކަންތައް ނުކުރައްވާ ކަމަށް ބައެއް މީހުން ގޮވަމުންދިޔައެވެ. އަދި އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރި މައްސަލަ ހައްލު ކުރުމަށް ޝަރީފު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށްވެސް ގޮވަމުން ދިޔައެވެ.

އެ ހާދިސާއާ ގުޅިގެން ޝަރީފު "ވަން" އަށް ވިދާޅުވީ، ފިއްލަދޫއަށް އެރުމަށް އޭނާއަށް ހުރަސްއަޅާފައި ނުވާ ކަމަށާއި އަދި ރަށަށް އަރައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއެއްސެވި ކަމަށެވެ. އެމީހުން އެދެމުން ދިޔައީ ދައްޕަރު އަލުން އެ ރަށުގެ އިހުތިސާސްގެ ތެރެއަށް ވެއްދުމަށް ކަމަށާއި ރައްޔިތުންގެ ޝުއޫރުތަކާ އެއްގޮތަށް އެކަން ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފައެވެ. ނަމަވެސް އޭގެ ފަހުން ފިއްލަދޫގެ އިހުތިސާސްގެ ދަށުން ދައްޕަރު ވަނީ ވަކިކޮށްފައެވެ.