ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މީގެ ކުރިން ފެނިފައި ވަނީ މަޑުމައިތިރި އަދި ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މިއަދު މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަތް ޖިހާދު ވަނީ ހިތުގެ އިހުސާސްތައް ބަންޑުން ކޮށްލައްވައިފައެވެ.
ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ވަނީ އުފުއްލައިފައެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާފައިވާ އިރު ފުރުން މަނާކޮށް ޖިހާދުގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.
އިންސާފު ހޯދުމަށް އިދިކޮޅުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ޖިހާދު ވާހަކަ ފެއްޓެވީވެސް ޖޯޝާއި ފޯރީގައެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވަމުން ޖިހާދު ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. އަދި މަގުމައްޗަށް ނުކުތުމަށް ދައުވަތު ދެއްވީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުމުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް ކޯޓަކަށް ގެންދިޔަ މީހެއް ނޫން. 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތްކުރި މީހެއް. ދުވަހަކުވެސް ސިފައިންގެއަށް އަދި އެއްވެސް ކަހަލަ ރެލީއެއްގައިވެސް ބައިވެރިވި މީހެއް ނޫން. ތިބޭފުޅުންނަށް ނުފެންނާނެ. އެއްވެސް ކަހަލަ ރެލީއެއްގައި ބައިވެރިވެފައެއް ނޯންނާނެ،" ޖިހާދު ވިދާޅުވިއެވެ.
މި ސަރުކާރުން އޭނާއާ މެދު ތަފާތުކޮށް ކަންތައްކުރާކަން ފާހަގަކޮށް ޖިހާދު ވިދާޅުވީ، ފިލައިގެން ގޮސްދާނެ ކަމަށް ބުނެ ޕާސްޕޯޓް ހިފެހެއްޓުމުން ބޭސްފަރުވާ ކުރުމުގެ ހައްގާއި ރާއްޖެއިން ބޭރުގައި ތިއްބެވި އާއިލާ ކައިރިއަށް ދިއުން ހުއްޓުވާފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑު މިތަނަށް އައިސް ހުއްޓެން ޖެހުނު ސަބަބަކީ އިބްރާހިމް މުހައްމަދު ސޯލިހު މިވެރިކަމުގައި އަޅުގަނޑަށް އަނިޔާކުރަން ފެށީމަ. އަޅުގަނޑަށް ކެއްނުކުރެވިގެން. މިއީ ފެށުން. މިކަން ނިންމާނީ އަޅުގަނޑަށް އިންސާފު ހޯދާފައި. 10 ފަހަރަށް ކޯޓަށް ގެންގޮސްފި. އެއްވެސް ކަމަކާއި ނުލައި،" ޖިހާދު ވިދާޅުވިއެވެ.
"އަޅުގަނޑު ގޭގައި އޮންނަން މަހްރޫމް ކޮށްފި. އެހެންވީމަ ދެން އަޅުގަނޑު އުޅޭނީ މަގުމަތީގައި،"
ޒިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ މައްސަލައިގައެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ. އެ މައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓުގައި ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު