ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަ ކުރައްވައިފިއެވެ.

ޖާބިރު އާއި ދިޔާނާގެ ކައިވެނި ރޫޅުނުތާ އަދި އެހާ ގިނަ ދުވަހެއް ނުވެއެވެ. ދެބޭފުޅުންގެ ކައިވެނި ރޫޅުނީ މަޝްވަރާ ކުރުމަށްފަހު ކަމަށާއި އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މީގެ ކުރިން ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، ދިޔާނާއި އޭނާއާ ކައިވެނި މިހާރު ރުޖޫއަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ އެ ދެބޭފުޅުންވެސް ބޭނުންވާ ގޮތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެމަފިރިން ކައިވެނި ރުޖޫއަ ކޮށްފިން. އެއަކު މާބޮޑު މައްސަލައެއް ނެތްތާ. އަޅުގަނޑުގެ އަނބިމީހާ (ދިޔާނާ) ބޭނުންވީމަ އެކަން އެކުރީ. ދެ މީހުންވެސް ބޭނުންވަނީ އެކުގައި އުޅެން." ޖާބިރު ވިދާޅުވިއެވެ.

ފަނަރަ އަހަރަށްފަހު ޖާބިރާއި ދިޔާނާ ވަކިވި ނަމަވެސް ދެބޭފުޅުންވެސް އަލުން ގުޅެން ބޭނުންވާ ވާހަކަ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.