ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސުގެ ތެރެއިން ދައްޕަރު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަރާރަކުން ނިންމެވި ނިންމެވުމަކީ ވަރަށް ހުދުމުހުތާރު ނިންމުމެއް ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު ހިމަނައިފައެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަރުން ވަނީ ދައްޕަރު، ފިއްލަދޫގެ އިހުތިސޯސުން ވަކިކޮށްފައެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާ ލިބޭ ރަށެއްގެ ގޮތުގައި އަދި ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުން އަންނަ ރަށަކަށްވެފައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނި ރަށުގެ ތަރައްގީގެ ޕްލޭން ތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި އޮތް ރަށެއް ކަމަށެވެ.
އިދިކޮޅުން ބުނީ، ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ދައްޕަރު ވަކިކުރުމަކީ އެރަށުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ ކޯލިޝަންގެ ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށް ބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރިއުޅުމަށް ދައްޕަރު ވިއްކާލުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
"ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސޯސުގެ ތެރެއިން ވަކިކުރުމަށް ނިންމެވި ގަރާރު އަނބުރާ ގެންދަވައި ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒު ގޮތުގައި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމަށާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އަދި ކުރައްވާފައިވާ ހުވައާއި ހިލާފު ނުވުމަށްވެސް މިކޯލިޝަނުން ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު