މިދިޔަ ބުދަ ދުވަހުގެ ހެނދުނު މާލޭގައިި ކަރަށް ވަޅި ޖަހައި ޒަހަމްކޮށްލި 21 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމުގައި އާއިލާއިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެމުން އެ ޒުވާނާގެ އާއިލާގެ މީހަކު ބުނީ، އޭނާ މިހާރު ހޭ އަރާފައިވާ ކަމަށާއި ވާހަކަވެސް ދެއްކޭ ކަމަށެވެ.

"އިއްޔެ ނޫން ކުރީ ދުވަހު ހޭ މި އެރީ. މިހާރު ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެއްކޭ. އަޑުފޮށި ފަޅައިގެންގޮސްފައި ހުރީމަ އަޑު ފާޑަކަށް ނުކުންނަކީ އަދިވެސް." އާއިލާއިން ބުންޏެވެ.

ޒަހަމްވި ޒުވާނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ، އަދިވެސް ގިނަ ދުވަސްތަކެއްގައި އައިސީޔޫގައި އޭނާ ބާއްވަން ޖެހޭނެ ކަމަށެވެ.

އެ ޒުވާނާގެ ކަރުގެ ވާއަތް ފަރާތަށް ވަޅި ޖެހީ ބުދަ ދުވަހު ހެނދުނު އޭނާގެ ލޯބިވެރިޔާއާއެކު ސޯސަންމަގު ކޮޅުގައި ހުރި މިސްކިތްކައިރީގައި މަޑުކޮށްލައިގެން ތިއްބައެވެ. ޒުވާނާއަށް ހަމަލާދިނީ ދެ ސައިކަލެއްގައި ދިޔަ ތިން މީހުންގެ ގުރޫޕަކުންނެވެ.

ކަރަށް ވަޅި ހެރުމުގެ ސަބަބުން ޒުވާނާގެ ނޭވާލާ ހޮޅި ވެސް ފޫގޮސް ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވަނީ ބުރިވެފައެވެ.