ކުރީގެ އަނބިކަނބަލުން ދިޔާނާ ސައީދާ އަލުން ގުޅެން ބޭނުންވާ ކަމަށް އޭނާގެ ކުރީގެ ފިރިކަލުން، ކާާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އިއްޔެ ވަނީ އެ ދެމަފިރިންގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޖާބިރު ވިދާޅުވީ، ދިޔާނާއާ ދުރުވީ ދެބޭފުޅުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ދިޔާނާއާ ދުރުވި ނަމަވެސް އަބަދުވެސް ދިޔާނާއާ ގުޅުން އޮންނާނެ ކަމަށާއި ދިޔާނާއަކީ އޭނާ ވަރަށް އިހުތިރާމު ކުރާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭ. އަޅުގަނޑުމެން ވާހަކަ ދައްކާފައި މިވަގުތަށް ސްޕޭސް ބޭނުންވާތީ ސެޕެރޭޓް މިވީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އަބަދުވެސް ދިޔާނާއާ އެކުގައި އުޅެން ބޭނުންވާ ކަމަށެވެ.

"ދިޔާނާއަކީ ވަރަށް ފުރިހަމަ ބޭފުޅެއް. އޭނާއަކީ ރަނގަޅު އަނތްބެއް. އެއީ ހަމަ ޖަވާހިރެއް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރާއި ދިޔާނާ ދުރުވެފައިވާކަން، ދިޔާނާވެސް ވަނީ ޓުވިޓާގައި ކަށަވަރުކޮށްދެއްވައިފައެވެ.

ރާއްޖޭގެ ސިޔާސީ މަޝްހަރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ދެމެފިރިން ކަމަށްވާ ދިޔާނާއާއި ޖާބިރު ވަކިވި އިރު، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ޖާބިރު ވަނީ އިށީނދެ އިދެއާއި އޮށޯވެ އޮވެ މުޒާހަރާކޮށް އަޑުގަދަކޮށްފައެވެ. އެ ސަރަހައްދަށް ދިޔާނާވެސް ވަޑައިގެންނެވިއެވެ. ނަމަވެސް ފަހުން ދިޔާނާ ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.

ފަނަރަ އަހަރަށް ފަހު ޖާބިރާއި ދިޔާނާ ވަކިވެފައިވާ އިރު، އެ ދެބޭފުޅުންނަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ.