އަންހެނުން ހިތާނު ކުރުމާ ގުޅިގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓުތަކުގެ މައްސަލަ ހޫނުވުމުން އެ ޓުވީޓުތަކުގެ ހަގީގީ މަގުސަދު ބަޔާންކޮށްދީ އެކަމަށް އޭނާ މާފަށް އެދި ވަޑައިގެންފި އެވެ.
އަންހެނުން ހިތާނު ކުރުމާއި ގުޅުވައިގެން މިމަހުގެ 23 ވަނަ ދުވަހު ޑރ. އިޔާޒް ކުރެއްވި ޓުވީޓުތަކުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށްވެސް ހުށަހެޅިއެވެ.
މައާފަށް އެދިވަޑައިގެން ޑރ. އިޔާޒް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކުނަފުރަތު އުފައްދަމުން ގެންދާ ކަމަށާއި އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ، އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އޭނާ ޓުވީޓު ކުރެއްވީ އެ ކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށެވެ.
"އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފުއޮތް ފަރުއީ މައްސަލައެކެވެ. އަދި ފަހުގެ ބައެއް އިލްމުވެރިން ހަރާމް ކަމެއްކަމުގައި ވެސް ވިދާޅުވެއެވެ. ނަމަވެސް ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރައުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރައުޔަކީ ނެތް ރައުޔުތަކެއްކަމުގައި ހެދުމީ އިލްމީ އަމާނާތްތެރިގޮތެއް ނޫނެވެ. އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިއްތިފާގުވެ ވަޑައިގަންނަވައެވެ. އަދި ވަކިން ހާއްސަކޮށް ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި މިއީ ވާޖިބު ދަރަޖައަށް ދާ މައްސަލައެކެވެ. އަދި މާލިކީ މަޒުހަބުގައި މިއީ ސުންނަތެކެވެ. އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މި ދަރަޖައަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވާހަކަދައްކަވާފައިވާ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް ނެތް ކަމެއް ކަމުގައި ބުނުމަކީ އިލްމީގޮތުން ސައްހަ ބުނުމަކަށް ވާނެކަމެވެ." އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭ ކަމަށާއި އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި އިޔާޒް ވަނީ އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފުރައްސާރަކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިލްމީ ހަގީގަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން، އަޅުގަނޑާމެދު ނަފްރަތު އުފައްދައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަވައްދައި އިލްމީ މުއައްސަސާއެއްކަމަށް ބުނެވޭ މުއައްސަސާއަކުން އަޅުގަނޑަށް ވަޒީފާގެ ބިރުދައްކައި، އަޅުގަނޑާ ދެކޮޅަށް ދޮގު ބުހުތާނު ހަދައި، ކާޓޫނުކުރަހާ، އަޅުގަނޑުގެ އަބުރަށް އަރައިގަނެ އަދި މި ހުރިހައި ކަމެއް ވެގެންދާއިރު ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ހަނުތިއްބަވާ، ލާދީނީ ފަރާތްތަކުން އެފަރާތްތައް ބޭނުންހާ ގޮތަކަށް ދީނީ އިލްމުވެރިންގެ އަގު ވައްޓާލެވެމުން ދާދިއުން ހިތާމަޔާއެކު ކުށްވެރިކުރަމެވެ." އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް ވިދާޅުވީ، އަންހެނުން ހިތާނުކުރުމާއި ގޮތުން އޭނާ ކުރެއްވި ޓުވީޓުން ބަޔަކަށް ނުބައި ތަސައްވަރެއް ކުރެވިފައިވާ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު