ދޮޅު އަހަރު ކިޔެވުމަށްފަހު، ފުރަތަމަ ފަހަރަށް އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމި ދަރިވަރުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ.

ކޮވިޑާ ގުޅިގެން ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް، ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން މިއަދު އަދި މި ނިމުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި ދިރާސީ އަހަރެވެ.

އެގޮތުން މާލެ އާއި އަތޮޅުތަކުގެ ސްކޫލުތަކުގައި އިއްޔެ ވަނީ ރިޕޯޓް ފޯމް ދީފައެވެ.

ކޮވިޑުގެ ހާލަތުގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މި އަހަރު ގިނައިން ކިޔަވައި ދީފައި ވަނީ އޮންލައިންކޮށެވެ. އަދި ސްކޫލުތައް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް އާއްމު ހާލަތުގައި އޮތް ރަށްރަށުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ވަނީ ކިޔަވައިދީފައެވެ.

އެކަޑެމިކް ކަލަންޑަރަށް މިހާރު ގެނެސްފައިވާ ބަދަލުގައިވާ ގޮތުން، މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓް 10 ގައެވެ. އަދި އޮކްޓޯބަރު 17 އިން 21 އަށް މިޑްޓާމް ބަންދެއް ލިބޭނެއެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ސްކޫލުތައް ބަންދުވާނީ ޑިސެމްބަރު 23 ގައެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އަދި އޭޕްރީލް މަހުގެ ތިނަކުން ހަތަކަށް މިޑްޓާމަށް ސްކޫލުތައް ބަންދުވުމަށްފަހު، އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެއެވެ. އެއަށްފަހު 36 ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގައެވެ.