ވެންޓިލޭޓަރު ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދުގެ ސޮއި ފޯޖު ކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.
ޝިޔާމާ އިއްޔެ މަގާމުން ވަކިކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަފްޝަން ހިމެނޭ މައްސަލައާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކޮށްފައި ބޭތިއްބުމަށްފަހުގައެވެ. މުސާރަ ލިބޭ ގޮތަށް އެމީހުން ސަސްޕެންޑް ކޮށްފައި ތިބީ 17 އޮގަސްޓް 2020 ގައެވެ.
ޝިޔާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލާ ހަވާލުކުރަން އޭނާ ސޮއި ކުރެއްވި ނަމަވެސް އޭނާއަށް ލިބިފައިވާ މެއިލް ކޮޕީގައި ސޮއި ފޯޖް ކޮށްފައިވާ ކަމަށް ސާފުކޮށް ފެންނަން ހުރި ކަމަށެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ބޭރުކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެގްރީމަންޓުގައި އަޅުގަނޑު ސޮއި ކުރި ކަމުގައިވިޔަސް އަޅުގަނޑަށް ލިބިފައިވާ މެއިލް ކޮޕީގައި އަޅުގަނޑުގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް ސާފުކޮށް ފެންނާތީ، މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅަން ދިޔުމުން ބަލައިނުގަނެ މައްސަލަ ބޭރުކޮލިކަން ފާހަގަކުރަން. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައި މިކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް އަޑުއުފުލާފައި ވާނެ. މި މައްސަލައިގައި އެކަށީގެންވާ ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރެވެން ޖެހޭ. އަޅުގަނޑުގެ އެއްބާރުލުން ތަހުގީގަށް ދޭނަން،" ޝިޔާމާ ވިދާޅުވިއެވެ.
ޝިޔާމާ ވިދާޅުވީ އޭނާ ހެލްތުގެ ނާއިބުގެ މަގާމު އަދާކުރެއްވި އިރު، ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގަންނަން ބޭނުންވި ވެންޓިލޭޓަރުތަކާ ބެހޭ އެގްރީމަންޓުގައި އޭނާ ސޮއިކުރުމުގެ ކުރިން އެ އެގްރީމަންޓުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސެންޓް އެކުންފުންޏަށް ދީފައިވާ ކަން އެނގިފައިނުވާ ކަމަށެވެ.
މާލީ ބޮޑު މުއާމަލާތެއްގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި ފައިސާ ފޮނުވުމަކީ ފިނޭންސް މިނިސްޓްރީގެ އިހުމާލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރުމަކީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހައްލުވުމެއް ނޫން ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.
"މި ބޮޑު މުއާމަލާތް ފެށިގެން ނިމުމާ ހަމައަށް ވެސް މީގައި މަސައްކަތް ކުރި އެކި ފަންތީގެ މުވައްޒިފުން ހިމެނޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެއްބަސްވުމަކީ މުއާމަލާތެއްގެ ބައިވެރިން އަމަލު ކުރަން ހެދޭ ލިޔުމަށް ވާއިރު، އެއާ ނުލައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ފައިސާ އާއި މުދަލަށް އިހުމާލުވުން،" ޝިޔާމާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ގެނައުމަށް 34 މިލިއަން ރުފިޔާގެ އަގަކަށް އެއްބަސްވެ ބޭންކު ގެރެންޓީއެއް ނެތި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސްކޮށް ސަރުކާރުން ވަނީ 30.9 މިލިއަން ރުފިޔާ ދައްކައިފައެވެ. ނަމަވެސް 2 އޭޕްރީލް 2020 ގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ.
އެ މައްސަލައިގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. އަދި އެކަމުގައި އެކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު