ކޮންމެ އެގްޒާމް ސީރީޒެއްގައި ބައިވެރިވި ނަމަވެސް، އޭލެވެލް ހަދާ ދަރިވަރުންނަށް ގައުމީ ޓޮޕްޓެންގައި ހިމެނުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އޭޕްރީލް/މޭ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުތައް އަވަސްވުމާ ގުޅިގެން މިނިސްޓްރީން ވަނީ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ އެޕްލިކޭޝަން ވިތުޑްރޯކޮށް، އޮކްޓޯބަރު/ ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސައިފައެވެ.
ނަމަވެސް ގަދަ 10 އަކާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މޭ ގެ އިމްތިހާނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭލެވެލް އިމްތިހާނަށް ފަހުން ގެނައި ބަދަލާ ގުޅިގެން ކުދިންނަށް ވަރަށް ބޮޑު ހާސްކަމަކާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ގައުމީ ޓޮޕްޓެން އާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ޕްރޮގްރާމް އަލުން ވަނީ ރިވިއުކޮށްފައި. އެގޮތުން ކޮންމެ އެގްޒާމް ސީރީސްއެއްގައި ބައިވެރިވި ނަމަވެސް، އޭލެވެލްގެ އިމްތިހާން އަލަށް ހަދާ ދަރިވަރުންނަށް ގައުމީ ޓޮޕްޓެންގައި ހިމެނުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން އިމްތިހާނު ހަދަން ބޭނުންވަނީ ކޮން މުއްދަތެއްގައިތޯ ބެލުމަށް ސްކޫލުތަކަށް މިހާރު އަންގާފައިވާނެ ކަމަށާއި އޮކްޓޯބަރު/ނޮވެމްބަރުގައި ބައިވެރިވާން ނިންމުމުގެ ކުރިން ބައިވެރިވެވޭނެ އިމްތިހާނުތައް ބެލުމަށް އެދޭ ކަމަށެވެ.
ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އަންގަން ޖެހެއެވެ. ފޯމު އަނބުރާ ނެގޭނީ އޭލެވެލް އަދި އޭއެސް ލެވެލް މާއްދާތަކުން އެކަންޏެވެ. އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެއެވެ.
މިއަހަރުގެ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުތައް އަންނަ މަހުގެ 26 ވަނަ ދުވަހު ފަށާނެއެވެ. އަދި އެޗްއެސްސީ އިމްތިހާނު ބާއްވާނީ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު