ކޮތަރު ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތް ކުރުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ވުޒާރާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން 104 ބާވަތެއްގެ ދިރޭތަކެތި ހިމާޔަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ކޮތަރު ފިޔަވައި ދެން ގިނައިން ހިމެނެނީ އެކި މޫސުންތަކުގައި ރާއްޖައަށް ހިޖުރަ ކުރާ ދޫނިތަކެވެ. އޭގެތެރޭގައި ރާބޮންޖާއި ބޮނޑަނަ އާއި ފިދަނަ އަދި އިލޮޅީގެ އިތުރުން ބާޒުގެ ހަތަރު ބާވަތަކާއި ބަކަމޫނުގެ ދެ ބާވަތެއް ހިމެނެ އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ އެ ދޫނިތައް ހިމާޔަތް ކުރުމަށް ނިންމީ، އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިންމު ދިރުންތަކަށް ވުމާއެކު، އެތަކެތީގެ އާބާދީއަށް ގެންލުން ލިބިދާނެ ފަދަ އެންމެހާ ކަންތައްތައް ހުއްޓުވުމަށް ކަމަށެވެ. އަދި ރާއްޖެއަކީ ހިޖުރަކުރާ ދޫނީގެ ވަގުތީ މަންޒިލަކަށް ވީ ހިނދު ރާއްޖެއަކީ އެ ދޫނިތަކަށް ރައްކާތެރި މަންޒިލެއްކަން ޔަގީންކޮށްދޭން ޖެހޭ ކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވައިދުގެ ދަށުން އެފަދަ އަމަލެއް ކޮށްފިނަމަ 500 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު