ރާއްޖޭގައި ލޯންގްލައިން ނުވަތަ ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުުގައި، ލޭނު މަސްވެރިކަމާ ބެހޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ކަމާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށްފަހު ދިވެހިންނަށް އެކަމުގެ ފައިސާ ލިބޭގޮތަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލު ދެއްވަމުން ފިޝަރީސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ކަނޑު މަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގައި ލޭނު މަސްވެރިކަމާ ބެހޭގޮތުން އަޅާނެ ފިޔަވަޅުތައް ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ދޯނި ފަހަރުގައި ހުންނަ މިންގަޑާއި ބިދޭސީން ގެންގުޅޭނެ ގޮތާއި ރިޕޯޓް ކުރެވޭނެ މިންގަނޑުތައް ހިމަނާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ހާއްސަ ބައްދަލުވުމަށްފަހު ރީނދޫ އުރަހަ ކަންނެލީގެ މައްސަލަ ހައްލުވުމާއެކު ލޭނު މަސްވެރިކަމަށް ހުޅުވާލަން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލު ލިބިފައި ނުވާތީ އެކަން ފަހަތަށް ސޮއްސާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އައިއޯޓީސީގެ ބައްދަލުވުގައި އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް މަދުވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކަންނެލި ބާނާ މިންވަރު ކޮންޓްރޯލް ކުރަން ގައުމުތަކުން އެ ބައްދަލުވުމުގައި ވާހަކަދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި އިންޑިއާ ކަނޑުން ބާނާ ބޮޑުކަންނެލި ގަތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުން ޔޫރަޕްގެ ބޮޑެތި ރީޓޭލަރުންނަށް ޕްރެޝަރުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްޓޮކުގެ ހާލަތު އިތުރަށް ރަނގަޅު ނުކޮށްފިނަމަ ފިޔަަވަޅު އަޅާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
މިނސިްޓަރު ޒަހާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސްޓޮކް މަދުވަނީ ދިގު މުއްދަތެއްގައި ދާ އެޅަމުން ގެންދިއުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރާއްޖޭން ކުރާ މަސްވެރިކަމަކީ އެފަދަ މަސްވެރިކަމެއް ނޫން ކަމަށާއި ރާއްޖޭގައި ކުރަނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށް އެ ބައްދަލުވުމުުގައި ޔަގީންކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.
އެކަމުގެ ސަބަބަން ރާއްޖެއަށް ސަޕޯޓްކޮށް ގްރީންޕީސް ފަދަ ބައިނަލްއަގުވާމީ ހުރިހާ ޖަމިއްޔާއަކުން ގަރާރެއް ނެރެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އެކަން އެހެން އޮއްވައި މި ދަނޑިވަޅުގައި ލޭނު މަސްވެރިކަމަށް ހުޅުވާލައިފިނަމަ އިތުރަށް ބޮޑުކަންނެލި ބޭނުމަށް ދިމާވާ މައްސަލަ ގޯސްވެދާނެތީ އެކަން ފަސްކުރި ނަމަވެސް ރީނދު އުރަހަ ކަންނެލީގެ މައްސަލަ ހައްލުކުރުމަށްފަހު އަންނަ ޖޫން މަހު ހިސާބުގައި ލޭނު މަސްވެރިކަމަށް ހުޅުވާލެވޭވަރުވާނެ ކަމަށެވެ.
ލޭނުގެ މަސްވެރިކަމަކީ ލޯބޮޑު ކަންނެލި ބޭނުމަށް ހާއްސަކޮށްގެން ކުރާ މަސްވެރިކަމެކެވެ. ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު މީގެކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ހުޅުވައިލިއެވެ. ނަމަވެސް އެ މަސްވެރިކަމަކީ މުޅިންވެސް ބޭރުގެ ބޯޓުތަކުން ކުރަމުންދާ މަސްވެރިކަމަކަށް ވެފައި، އެކަމުން ދިވެހިންނަށް އެއްވެސް ފައިދާއެއް ލިބެމުން ނުދާތީ، އެ މަސްވެރިކަމަށް ދޫކުރި ހުރިހާ ހުއްދައެއް ބާތިލުކޮށް 2019 ވަނަ އަހަރުން ފެށިގެން އެ މަސްވެރިކަން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު