އަންނަ މަހުގެ ދެވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އޯޓިޒަމް ދުވަހާ ގުޅިގެން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ޓެލެންޓް ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޓެލެންޓް ޝޯ އަކީ ނިއުރޯ ޑައިވާޖެންޓުން (ވިސްނުމާއި ބުއްދި ތަފާތު ކުދިން) ނަށް ހާއްސަކުރެވި، އެކުދިންގެ ހުނަރު ދައްކާލުމަށްޓަކައި ބޭއްވޭ ޓެލެންޓް ޝޯއެއް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

''ޓެލެންޓް ޝޯ – ދި ނިއުރޯ ޑައިވާޖެންޓްސް'' ގެ ނަމުގައި މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

މި ޝޯގައި ބައިވެރިވުމުގެ ފުރުސަތު، ނިއުރޯޑައިވާޖެންޓުންގެ ތެރޭގައި ހިމެނޭ (އޯޓިޒަމް، އޭޑީއެޗްޑީ، އޯސީޑީ، އެހެނިހެން އުނގެނުމުގެ ދަތިކަން ހުންނަ) ކުދިންގެ ތެރެއިން އުމުރުން ތިން އަހަރާއި 20 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް ވަނީ ހުޅުވާލައިފައެވެ.

އެ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި، މިފަދަ އިވެންޓެއްގެ މަގުސަދަކީ މުޖުތަމައުގެ ތެރޭގައި ނިއުރޯޑައިވާޖަންޓުންގެ ހުނަރު ދައްކާލުމާއި އެފަދަ މީހުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކުރުމާއި، މުޖުތަމައުގެ ތެރޭގައި ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކުން އެފަދަ ކުދިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީވިޔަ ނުދިނުމެވެ.

މި ޓެލެންޓް ޝޯގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހޯދުމަށް އަދި ވީޑިއޯ ފޮނުވާނީ: [email protected] އަށެވެ.

ޓެލެންޓް ޝޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

މީގެ އިތުރުން، އަންނަ މަހުގެ ދެވަނަ ދުވަހު ފާހަގަކުރާ އޯޓިޒަމް ދުވަހާ ގުޅުވައިގެން އެފަދަ ކުދިންނަށް އެއްބާރުލުން ދިނުމުގެ ގޮތުން، ފަންޑް ރެއިސިން ހަރަކާތެއް ހިންގުމަށް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން އޯޓިޒަމް އެސޯސިއޭޝަނުން ވިއްކާ ބްލޫ ޕަޒްލް ޕިން، އޯޓިޒަމް ރިބަން އަދި ރިސްޓް ބޭންޑް ގަނެގެން މިފަދަ ކުދިންނަށް ހިތްވަރު ދިނުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.