ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާންކުރިތާ ފަސް އަހަރު ފަހުން އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗް އެ ނިންމުން ބަދަލުކުރިކަން އިއުލާންކުރީ މީގެ ހަފުތާއެއް ކުރިންނެވެ. ސްވިޑެންއަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ އޭސީ މިލާންގެ ފޯވަޑް ޒްލަޓާން ރިޓަޔާ ކުރިކަން ކުރިން އިއުލާންކުރީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ފަހުގައެވެ. ރަނގަޅު ފޯމެއްގައި ޒްލަޓާން ކުޅެމުން އަންނައިރު، އެ ނިންމުން ބަދަލުކުރަން ކޯޗާއެކު ވާހަކަ ދައްކައި އެކަން މިހާރު ވަނީ ނިންމާފައެވެ.
ސްވިޑެން އިން ކޮސޯވޯއާއި ޖޯޖިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް ފަރިތަކުރުމަށް މިހާރު ޒްލަޓާން ސްވިޑެންގައި ހުރިއިރު، އޭނާ ދިރިއުޅެމުން އަންނަނީ އިޓަލީގައި ކަމަށް ވުމުން އާއިލާއާ އެތައް ދުވަހެއް ފަހުން ބައްދަލުވީ މިފަހަރުގެ ދަތުރުގައެވެ. ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ޒްލަޓާންގެ އާއިލާވެސް އިޓަލީއަށް ނުދެވި ގައުމުގައި ތާށިވެފައި ތިބެން ޖެހުމުން ޒްލަޓާންގެ ދަރިންނަށްވެސް ބައްޕައާ ބައްދަލުވުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
ޒްލަޓާން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައި ވަނީ އަމިއްލަ ގައުމަށް ދިޔުމަށްފަހު އެންމެ ދެރަވާން ޖެހެނީ މެޗުތައް ނިންމައި، އާއިލާއާ ދުރަށް އިޓަލީއަށް ދާން ޖެހޭތީ ކަމަށެވެ. އަދި ސްވިޑެން ދޫކޮށް އިޓަލީއަށް ދާން ޖެހޭތީ ދަރިފުޅު ބުނި ބަހަކުން ދެރަވެ، އެވާހަކަތައް ކިޔައިދޭންވެސް ޒްލަޓާންއަށް އުނދަގޫވިއެވެ.
"ދަރިފުޅު ބުނި... ބައްޕާއޭ ދެން ސްވިޑެން ދޫކޮށް ނުދާށޭ. އެއީ ވަރަށް އަސަރު ގަދަ މަންޒަރެއް ބަލަން. ދާން ޖެހޭނެ މަޖުބޫރުކޮށް،" ލޮލުން ކަރުނަ އޮހޮރުވާލައި، ދަރިފުޅުގެ ވާހަކަތައް ޒްލަޓާން ކިޔައިދީފައިވެއެވެ.
ގައުމީ ޓީމަށް ކުޅުނު 116 މެޗުން 62 ގޯލް ޒްލަޓާން ޖަހައިދީފައިވާއިރު، މިހާތަނަށް މި ސީޒަންގައި ސެރެއާ އޭގައި އޭނާ ކުޅުނު 14 މެޗުން 14 ގޯލް ޖަހާފައިވެއެވެ. ޒްލަޓާން ގައުމީ ޓީމުގެ ޖާޒީގައި ފުރަތަމަ ފެނިފައި ވަނީ އުމުރުން 19 އަހަރުގައެވެ. ފާރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ޒްލަޓާން ވަނީ ގޯލް ޖަހާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު