އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައަކާ ގުޅިގެން ގދ. ކާޑެއްދޫ އެއާޕޯޓަށް ފްލައިޓް ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކާޑެއްދޫ އެއާޕޯޓުގެ މޭނަޖަރު މުހައްމަދު ޝަރީފް 'ވަން' އަށް ވިދާޅުވީ، އަލިފާން ނިއްވާ އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން އެ އެއާޕޯޓަށް ފްލައިޓް ޖެއްސުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

"އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ފަޔާ ވެހިކަލް ނުދުއްވޭ. އެ ނުދުއްވެންޏާ ފްލައިޓެއް ވެސް ނުޖެއްސޭނެ. އުންމީދު މި ކުރަނީ މާދަމާއަށް ވެހިކަލް މަރާމާތު ކުރެވޭނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

ފަޔާ ވެހިކަލްގެ އިންޖީނަށް މައްސަލަ ދިމާވެ ގްރައުންޑް ކޮށްފައިވާއިރު އެ އެއާޕޯޓަށް މިއަދު އެއްވެސް ފްލައިޓެއް ޖައްސާފައެއް ނުވެއެވެ. އަދި އެ އެއާޕޯޓަށް ޝެޑިއުލު ކޮށްފައި ހުރި ފްލައިޓްތައް މިއަދު ޑައިވާޓު ކޮށްފައިވަނީ އެ އަތޮޅުގައި އޮންނަ މާވަރުލު އެއާޕޯޓަށެވެ.