މިއަހަރު ދުނިޔެއާ ކައިރިން ދަތުރު ކުރާނެ އެންމެ ބޮޑު ގިނިހިލަ، މިރޭ ދުނިޔެއާ ކައިރިން ދަތުރުކުރާނެ ކަމަށް ފަލަކީ ހަބަރުތަކުން ބުނެފި އެވެ.

ނާސާ އިން ބުނީ، "އެފްއޯ32"ގެ ނަމުން ނަންދީފައިވާ އެ ގިނިހިލަ ދުނިޔެއާ ގާތްގަނޑަކަށް ދެ މިލިއަން ކިލޯމީޓަރު ކައިރިން ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ދުނިޔެ އާއި ހަނދާ ދެމެދު ހުންނަ ދުރުމިނަށްވުރެ ފަސްގުނަ ދުރު މިނެކެވެ.

އެހެންކަމުން ގިނިހިލައިގެ އެއްވެސް ނުރައްކަލެއް ދުނިޔެއަށް ނުކުރާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ނާސާ ބުނީ، އެ ގިނިހިލަ ދަތުރު ކުރާނީ ގަޑިއަކު 77،000 މޭލު ބާރުމިނުގައި ކަމަށެވެ. އަދި މި ގިނިހިލަ ދެން ދުނިޔެއާ ކައިރިން ދަތުރު ކުރާނީ 2052 ވަނަ އަހަރު ކަމަށް ވެސް ބުންޏެވެ.

"އެފްއޯ32" ގިނިހިލަ ދަތުރު ކުރާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ ޔޫޓީސީ ގަޑިން 16:03 ގައި ދެކުނު ހެމިސްފެއާ ސަރަހައްދުންނެވެ. އެއީ ރާއްޖެ ގަޑިން މިރޭ 09:03 އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ގިނިހިލަ ދަތުރުކުރާ ސަރަހައްދުގެ ގޮތުން ޓެލެސްކޯޕެއް ބޭނުން ކޮށްގެން ވެސް ރާއްޖެ ސަރަހައްދުން އޭތި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.