ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާންކުރިތާ ފަސް އަހަރު ފަހުން އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗް އެ ނިންމުން ބަދަލު ކޮށްފިއެވެ.
ސްވިޑެންއަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ އޭސީ މިލާންގެ ފޯވަޑް ޒްލަޓާން ރިޓަޔާ ކުރިކަން ކުރިން އިއުލާންކުރީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ފަހުގައެވެ. ރަނގަޅު ފޯމެއްގައި ޒްލަޓާން ކުޅެމުން އަންނައިރު، އެ ނިންމުން ބަދަލުކުރަން ތައްޔާރަށް ހުރި ކަމަށް ޒްލަޓާން ވަނީ 2020 ވަނަ އަހަރު ބުނެފައެވެ. ޒްލަޓާން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމާއެކު ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ވަނީ މިލާނަށް ގޮސް، އޭނާއާ ބައްދަލުކޮށް ރިޓަޔާމަންޓުން އެނބުރި އައުމަށް ވާހަކަ ދައްކައިފައެވެ.
ގައުމީ ޓީމަށް ކުޅުނު 116 މެޗުން 62 ގޯލް ޒްލަޓާން ޖަހައިދީފައިވާއިރު، މިހާތަނަށް މި ސީޒަންގައި ސެރެއާ އޭގައި އޭނާ ކުޅުނު 14 މެޗުން 14 ގޯލް ޖަހާފައިވެއެވެ. މިފަހަރުގެ ސްކޮޑަށް ޒްލަޓާން ނަގާފައި ވަނީ އެގައުމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާ އާއި ކޮސޯވާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށެވެ.
ޒްލަޓާން އަނެއްކާވެސް ސްކޮޑަށް ނެގުމާ ގުޅިގެން ކޯޗު އެންޑަސަން ބުނެފައިވަނީ ޒްލަޓާން އަކީ ބައެއް ފަހަރު ސަކަ މިޒާޖެއްގެ މީހެއްކަމަށާއި އޭނާގެ ޓުވީޓަކީ އެފަޅި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެންމެ މުހިއްމު ކަމަކަށް ފާހަގަކޮށްލަން ޖެހެނީ ޒްލަޓާންގެ ފުޓުބޯޅަ ހުނަރު ކަމަށާއި، ޒްލަޓާން އެނބުރި ގައުމީ ޓީމަށް އައުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ޒްލަޓާން ގައުމީ ޓީމުގެ ޖާޒީގައި ފުރަތަމަ ފެނިފައި ވަނީ އުމުރުން 19 އަހަރުގައެވެ. ފާރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ޒްލަޓާން ވަނީ ގޯލް ޖަހާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު