އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލިހުގެ 13 މެންބަރަކު ލައްވައި ސޮއިކުރުވާފައި ވަނީ އޮޅުވާލައިގެން ކަމަށް ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ލިބުނު ފުރަތަމަ ފުރުސަތުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ، އެ މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުންތަކަށް ބަލާއިރު މަޖިލީހުގެ 14 މެންބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ރައްދު ވަނީ އޭނާއަށް ކަމާމެދު، ޝައްކު އުފެދޭ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވި ހިސާބުން ވާހަކަ މެދުކަނޑުއްވާލައްވައި، ތިއީ ކޮން ބޭފުޅެއްތޯ، މަޖިލިސް ރައީސް ސުވާލު ކުރެއްވިއެވެ. މަލީހުގެ ވާހަކަ ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވީ، އޭނާގެ ނަން ވިދާޅުވުމުންނެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ، އެހެންކަމުން އެ ހުށަހެޅުންތަކަކީ ބާތިލް އެއްޗެއްކަމަށް ނިންމައިދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ލިޔުމުގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ނަމާއި 4 ވަނަ ޕެރެގްރާފްގައިވާ ނަމާއި ދިމާ ނުވާކަން ފާހަގަ ކުރަން. އޭގެ އިތުރުން މިމައްސަލާގައި ޖެމްސް މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުންތަކުގެ 2 ވަނަ އެޓޭޗްމަންޓަކީ ހުސް ކަރުދާސްގަނޑެއްކަން ފާހަގަ ކުރަމެވެ. ވީމާ މި ކަރުދާސްގަނޑުގަ އެއްވެސް ލިޔުމެއް ވާނެތޯ ނުވަތަ ނޫންތޯ ޗެކްކޮށްދިނުމަށްވެސް މި މަޖިލިހަށް އަޅުގަނޑުވާނީ އެދިފަ. އެ ސިޓީގެ ޖަވާބެއް މިވަގުތާ ހަމައަށް ނުލިބޭ،" މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަގައި، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް، ނަހަދާ ކަމަށް ބުނެފައިވާއިރު، ހުރިހާ ގަވާއިދު ތަކަކީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އެކަށީގެންވާ ބަޖެޓް ނުލިބޭ ހާލުގަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު އޭނާގެ ލަފަޔާ މަޝްވަރާގެ މަތިން ހަދައި ނިންމާފައިވާ ގަވައިދުތަކެއް ކަމަށެވެ.

"އަޅުގަނޑަށް އަދަބު ދޭން ތިޔަ އުޅުއްވަނީ ތިން މިނިސްޓަރެއްގެ މިނިސްޓަރުކަމުގަ ނުނިމިވާ ކަމެއް، އަޅުގަނޑު ނިންމީމަތޯ؟ ގާނޫނު ފާސްކުރީ 2015 ގައި. ގަވާއިދު ހަދަން ޖެހެނީ 3 މަހާއި 6 މަހާއި ދެމެދު. އެ މުއްދަތުގަ ގަވައިދު ނަހަދައިފި ކަމަށް ވާނަމަ އަމަލުކުރަން ޖެހޭ ގޮތެއް ގާނޫނުގަ ބުނެފަ ނުވޭ. މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަގަން ޖެހޭ އިތުރުބާރު ނެތްކަމެއްގެ މައްސަލަ އަޅުގަނޑާ ހަމައަށް މިއައީ ކީއްވެތޯ؟ ކޮބާތޯ އޭގެ ފަހުން ހަވާލުވި މިނިސްޓަރ ޒުހޫރު؟ މިނިސްޓަރ އަޒްލީން؟ މި ބޭފުޅުން ޖަވާބުދާރީ ކުރެވުނުތޯ؟ މަޖިލިހުގަ އޭރު ތިއްބެވި އިއްޒަތްތެރި މެންބަރުން މިހާރުވެސް އެބަ ތިއްބެވި،" މީގެ ކުރިން އެ މިނިސްޓްރީގެ ދާއިރާ ހިންގެވި މިނިސްޓަރުން އެ ގަވާއިދުތައް ހަދާފައި ނުވާ މައްސަލަ ފާހަހަ ކުރައްވައި މަލީހު ވިދާޅުވިއެވެ.