ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކޮށްފައިވާ ޕާކުގެ ކޮރަޕްޝަނުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ގުޅުވައިގެން މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) އިން ޝާއިއު ކުރި ލިޔުމާ ގުޅިގެން މައާފަށް އެދެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފިއެވެ.

އެމްއެންއެންގައި ޝާއިއު ކުރި ލިޔުމުގައި ވަނީ މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ސްރީލަންކާގައި ހިންގާ މެޑަމް ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އަދި މެޑަމް ފަޒްނާގެ ފައިސާތަކެއް މޮރިޝަސްއަށް ބަދަލުކުރި ކަމަށްވެސް އެ ލިޔުމުގައިވެއެވެ.

މެޑަމް ފަޒްނާގެ ފަރާތުން އެވާހަކަތައް ދޮގު ކުރައްވައި ނެރުނު ބަޔާނުގައި ވަނީ އެ ލިޔުމުގެ ސަބަބުން ފަސްޓް ލޭޑީ ފަޒްނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ހަބަރު ޝާއިއުކޮށްފައިވާ ކަމަށެވެ. އެއީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންއެން އިން އެއްވެސް އަސާސެއްގެ މައްޗަށް ބުރަވުމެއް ނެތި، މެޑަމް ފަޒްނާއާ ބެހޭގޮތުން ހަގީގަތާ ހިލާފަށް އެ ނޫހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެ ލިޔުން އިސްލާހުކޮށް އެ ލިޔުމަކީ ހަގީގަތާ ހިލާފު ލިޔުމެއްކަމަށް އިއުތިރާފުވެ، މައާފަށް އެދުމަށްވެސް ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ މައްސަލަ ބަލައި، ނިންމާފައިވަނީ އެ ލިޔުމަކީ އެމްއެމްސީގެ ގާނޫނުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ދެވަނަ މާއްދާއާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުމެއް ކަމަށެވެ.

އެމްއެމްސީގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މީޑިއާއަށް ލިބޭ މައުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތު އޮވެ، އެކަން ނުބަލައި އެ މައުލޫމާތެއް ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް އެމްއެންއެން އިން އެގޮތަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އެމްއެމްސީގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ވަކި ފަރާތަކާ ބެހޭގޮތުން ހޯދާ އެފަރާތުގެ އަމިއްލަ މައުލޫމާތަކީ ތެދު، ފުރިހަމަ، އަދި އެންމެފަހުގެ މައުލޫމާތުކަމުގައި ވާންވާނެ ކަމަށެވެ. ނަމަވެސް އެމްއެންއެން އިން ހޯދި މައުލޫމާތަކީ ތެދު، ފުރިހަމަ އަދި އެންމެ ފަހުގެ މައުލޫމާތުތޯ ކަށަވަރުކުރުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

މީގެ އިތުރުން ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ދެވަނަ މާއްދާގައިވާ ގޮތުން މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެ ކަމަށެވެ. ނަމަވެސް އެމްއެންއެން އިން މި ޝާއިއުކުރި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެހެންކަމުން މީޑިއާ ކައުންސިލުން އެކަން އަންގާތާ ތިން ދުވަހުގެ ތެރޭގައި ފަޒްނާގެ ކިބައިން މަައާފަށް އެދުމަށާއި މައާފަށް އެދުނުކަން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އާންމުކުރުމަށް އަންގާފައިވެއެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެމްއެންއެމްއަށް އަންގަން މީޑިއާ ކައުންސިލުން ނިންމާފައިވެއެވެ.