ޓީސީ ސްޕޯޓްސް ކްލަބާއެކު ދިވެހި ޕްރިމިއާ ލީގަށް އެނބުރި އަންނަން ޖެހުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ކޮންމެ ޓީމެއްގެ ކޯޗު ކަމުގައި ހުރި ނަމަވެސް އުފުލަންޖެހޭ ޒިންމާ ބޮޑު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ޓީސީން މި ސީޒަނަށް ނުކުތް ނަމަވެސް މިދިޔަ ހަފުތާ ތެރޭ ޝާޒް ވަނީ މަގާމުން ވަކިވެފަ އެވެ. ނިޒާމްބެ މާޒިޔާއާއެކު މި ސީޒަން ފަށައި ސީޒަންގެ ކުރީ ކޮޅުގައި އެޓީމުން ވަކިވުމަށްފަހު ހުސްކޮށް ހުރި އިރު، ޓީސީން ނިޒާމްބެއާއެކު އަލުން އެއްބަސްވުމަކަށް އައީވެސް މިދިޔަ ހަފުތާ ތެރޭގައެވެ.
ޓީސީއާއެކު ދެވަނަ ޑިވިޝަންގެ އިތުރުން ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ވެސް ނިޒާމްބެ ކާމިޔާބު ކޮށްފައިވާއިރު، ޓީސީއަކީ އޭނާގެ ހޯމް ކްލަބެވެ.
"މީގެ ކޮންމެ ކްލަބެއްގެ ބެންޗުގައި އިށީނަސް އެއީ ޒިންމާތަކެއް. ހިތްހަމަޖެހިގެން އުފާފާޅުކުރުމަށް ވުރެ ޒިންމާތަކެއް އެއީ. ޓީސީއާއެކު އެނބުރި އަންނަން ޓީސީން އެ އޮފާ އައުމަކީ ލިބުނު ހިތްހަމަޖެހުމެއް ކުރިއެރުމެއް،" މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ޓީސީން ނުކުންނަ މެޗުގެ ކުރިން ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މަދު ޓްރެއިނިން ސެޝަންތަކަކާއެކު މާ ގިނަ ބަދަލުތަކެއް ފުރަތަމަ މެޗުގައި ގެނެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
"ބަދަލު ގެންނަންޖެހޭ ކަންތައްތައް ކުރުމަށް ވަގުތު ބޭނުންވާނެ. މިހާރު މި އޮތް ސްކޮޑު އެ ވަރަށް މަސައްކަތް ކޮށްފިއްޔާ ނުކުރެވޭވަރުގެ ކަމެއް ނޫން ވެލެންސިއާ ބަލިކުރުމަކީ. އެއާއެކު ރެސްޕެކްޓް ކުރަން ވެެލެންސިއާގެ އެ ސްކޮޑަށް. ވެލެންސިއާގައި އެ ތިބި ކުޅުންތެރިންނަށް. ވެލެންސިއާ ޕޮއިންޓް ޓޭބަލުގައި އެ އޮތް ހިސާބަށް ވެސް ރެސްޕެކްޓް ކުރަން. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން މެޗުން މޮޅުވާން އެ އަޒުމުގައި މަސައްކަތް ކޮށްގެން އެކަން ހާސިލް ކުރަން ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ލީގުގައި މިހާތަނަށް ޓީސީން ކުޅުނު ހުރިހާ މެޗެއް އޭނާ ބަލާފައިވާނެ ކަމަށާއި ޓީސީއަށް ފައްކާވާން މަސައްކަތް ކުރި ކަމަށެވެ.
ވެލެންސިއާ ޓީސީ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު