ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގިލިލަންކަންފުށީގެ މުވައްޒަފުންތަކެއް އަރައި ކޯރު ކޮނެ އެތަނަށް ގެއްލުންދިން ކަމަށް ބުނާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ނިންމައިފިއެވެ.

ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ރޭގެ ވަގުތެއްގައި ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ ފިނޮޅަށް ގެއްލުންދޭން ފެށުމުން އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮހެވެ.

އެކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ވަން"އަށް ވިދާޅުވީ، އެ މައްސަލަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލައި ނިންމުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ފިނޮޅަކީ ހިންމަފުށީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަނަކަށް ވުމުން ފިނޮޅަށް ގެއްލުންދިން މައްސަލަ ހިންމަފުށީ ކައުންސިލުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

ފިނޮޅުގައި ކޯރު ކަނޑައި ގެއްލުންދިން ސަބަބު ސާފުވެފައި ނުވާއިރު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރިސޯޓުގެ ބޭނުމަކީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ޕިކްނިކް ހެދުމަށް ގޮސް އުޅޭ ތަނަކަށް ވުމުން އެތަން ހަލާކުކޮށްލުމެވެ.

ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނަސީމް ކުރެއްވި ޓުވީޓުގައިވެސް ވަނީ، އެ ފިނޮޅު ހަލާކުކޮށްލުމުގެ މަސައްކަތް ރިސޯޓުގެ ޖީއެމް އިސްވެ ހުރެ ކުރީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ދަތުރު ގޮސް އުޅޭ ތަނަކަށް ވުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ.

ފިނޮޅު ފަދަ އެއްވެސް މާހައުލަކަށް ބަދަލެއް ގެނެވޭނީ އީޕީއޭ އިން އެކަމަށް ހުއްދަ ދިނުމުންނެވެ.