އިނގިރޭސި ގައުމީ ޓީމުގެ ލެޖެންޑަރީ ފޯވަޑް ވޭން ރޫނީ، ފުޓުބޯޅަ ކުޅުން ހުއްޓާލައި، ޑާބީ ކައުންޓީގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ރޫނީ، ޑާބީއަށް ކުޅެމުންވެސް ކްލަބުގެ ކޯޗުކަން ކުޑަ ދުވަސްކޮޅަކަށް ކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ކުޅުން ހުއްޓާލިކަމަށް އިއުލާން ކޮށްފައެވެ. ޑާބީއާއެކު އޭނާ ކޯޗުކަމުގެ އެއްބަސްވުން ހަދާފައި ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

ރޫނީގެ ޖެނެރޭޝަންގައި އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މިހާރު ކޯޗުންގެ ގޮތުގައި ފެނިގެންދާއިރު ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑްވެސް ކޯޗިން ދާއިރާއަށް ނުކުތީ ޑާބީންނެވެ. ލިވަޕޫލް ލެޖެންޑް ސްޓީވަން ޖެރާޑާއި ސްކޮޓް ޕާކާވެސް މިހާރު ކޯޗިން ދާއިރާއިން ފެނިގެންދާއިރު ޖޯން ޓެރީއަކީ އެސްޓަން ވިލާގެ އެސިސްޓެންޓް ކޯޗެވެ.

ކޯޗިންނަށް ތައްޔާރު ކަމަށް ބުނަމުން ރޫނީ ބުނެފައި ވަނީ މިހާރުވެސް ޖެރާޑާ ވާހަކަ ދައްކައިފިން ކަމަށާއި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްޓޫޑިއޯތަކަށްވުރެ ބޮޑަށް ފީލްޑަށް ނުކުމެ ޒުވާން ކޯޗުން ރިސްކް ނަގައިގެން މަސައްކަތް ކުރާތަން ފެނުން ކަމަށެވެ.

"ސްޓޫޑިއޯތަކުގައި އެހެން ކުޅުންތެރިންނާއި ކޯޗުންގެ ވާހަކަ ދެއްކީމަ ފައިސާ ލިބިދާނެ. އެކަމަކު އޭގެ ބަދަލު ރިސްކް ނަގައިގެން ކުޅުންތެރިން އުފައްދަން ޒުވާން ކޯޗުން ނުކުތުން އެއީ ފެންނަ ރަނގަޅު މަންޒަރެއް. ޖެރާޑާ ވާހަކަ ދެއްކިން މިދިޔަ ހަފްތާ ތެރޭގައި. އޭނާއަކީ އަހަރެންގެ ގާތް ރައްޓެއްސެއް. ކުޅުވާ ގޮތް އަދި ތަފާތު ވިޔަސް، ކޯޗިން ހިޔާރުކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފައިވުމުން އޭނާގެ ތަޖުރިބާ މުހިއްމު،" ރޫނީ ބުނެފައިވެއެވެ.

ރޫނީގެ ކެރިއަރަކީ ކާމިޔާބީތަކުން ފުރިފައިވާ ކެރިއަރެކެވެ. އެވަޓަންއިން ވިދާލައި މެންޗެސްޓާ ޔުނައިޓެޑްގައި އެތައް ކާމިޔާބީއެއް ހޯދި ރޫނީއަކީ އިނގިރޭސި އެންމެ ޝަރަފުވެރި އެއް ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑު ރޫނީ އަތުގައި އޮތްއިރު، އޭނާ ވަނީ ފަހުންވެސް އެވަޓަންއަށް ކުޅެ، އެމެރިކާ ލީގާއި ޑާބީއަށްވެސް ކުޅެފައެވެ.

ރޫނީ ބުނެފައި ވަނީ ކެރިއަރުގައި ފުރިހަމަ ނުވާ، ނުކުރެވި އެއްވެސް ކަމެއް ނެތް ކަމަށާއި ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގައި 13 އަހަރު ހޭދަކޮށް އެތައް ތަށްޓެއް ހޯދުން އެއީ ހުވަފެނީ ވަގުތެއް ކަމަށެވެ. ހާއްސަކޮށް އަމިއްލަ ހޯމް ކްލަބު ކަމަށްވާ އެވަޓަންއަށް ޅަ ދުވަސްވަރު ކުޅެ، އެ ހިތްހަމަ ޖެހުންވެސް ލިބުނު ކަމަށާއި، ކެރިއަރުގެ ފުރިހަމަ ކަމަށް ފަހުރުވެރި ވާ ކަމަށްވެސް ރޫނީ ބުނެފައިވެއެވެ.