މިއަހަރު މެއި އަދި ޖޫން މަހު ބާއްވާ އޯލެވެލް އަދި އޭލެވެލް އިމްތިހާނު ރާއްޖޭގައި އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނު ވަނީ މިއަހަރަށް ފަސްކޮށްފައެވެ. އަދި މިދިޔަ އަހަރު މެއި އަދި ޖޫންގައި ބާއްވަން އޮތް އޭލެވެލް އިމްތިހާން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ މެއި އަދި ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލްގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ރާއްޖޭގައި ކުރިއަށް ދާނެ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގައި 1528 ދަރިވަރުން ބައިވެރިވެފައިވެއެވެ. އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނުތައް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިރު، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްވެސް އަންނަ ހަފްތާގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެކެޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެއެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ މުއްދަތަކީ 10 ޖަނަވަރީން ފެށިގެން 24 ޖޫންގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު