ލ. ޔޫތު ޑިވެލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ، ސީ2އޭ އެކަޑެމީ އާއި މާވަށު އެސްސީން ހޯދައިފި އެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި މާވަށު އެސްސީން ޑީބީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތް އިރު، އެ މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނޑަށް ޖަމާވެފައި އޮތްއިރު، މެޗު މާވަށު އެސްސީން ކާމިޔާބު ކޮށްފައިވަނީ 4-2ގެ ނަތީޖާ އަކުންނެވެ.

އިއްޔެގެ މެޗަށް ނުކުތް އިރު ދެޓީމު ވެސް އޮތީ މުބާރާތުގައި ބަލި ނުވެ އެވެ. އެ ވާދަވެރިކަން މެޗުގައި ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ތިން ގޯލް ޖެހީ މާވަށުންނެވެ. ހުސައިން ލާމިއުގެ އިތުރުން ކެޕްޓަން އަހުމަދު އަޒުލާންގެ ދެ ގޯލާއެކު މާވަށުން ތިން ގޯލުގެ ލީޑެއް ނަގައި ސެމީއަށް އުންމީދު ބޮޑުކުރި އެވެ.

ދެވަނަ ހާފުގައި ޑީބީން ކުޅުން ރަނގަޅުކޮށް މެޗަށް އަނބުރާ ވަނުމަށް ބުރަކޮށް މަސައްކަތް ކުރި އެވެ. މާވަށުގެ ފައުލް ހަމަވެ ދެ ޕެނެލްޓީ ލިބި، އޭގެ ތެރެއިން ޑީބީއަށް އެއް ޕެނެލްޓީ ކާމިޔާބު ކުރެވުނު އިރު، ކުޅުމުގެ ތެރެއިން ލިބުނު ކައިރި ޕެނެލްޓީއެއް ވެސް ޑީބީން ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ. ޑީބީގެ ހަސަން ރަޔަން އަހުމަދާއި އިބްރާހީމް ނާއިމް ނާފިޒް ފުލުފުލުގައި ކަހަލަ ގޮތަކަށް ޖެހި ދެ ގޯލާއެކު ޑީބީން އެއް ގޯލަށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެޓީމަށް ސެމީގެ އުންމީދު ގެއްލުނީ މާވަށުގެ އަޒުލާން ހެޓްރިކް ފުރިހަމަކޮށް، އޭނާ ޖެހި ގޯލާއެކުގަ އެވެ.

ކުއާޓާގެ ފަހު މެޗުގައި އިއްޔެ ސީ2އޭ އެކަޑެމީން ނުކުތީ ހިތަދޫ އެސްސީއާ ދެކޮޅަށެވެ. މެޗު ސީ2އޭ އިން ކާމިޔާބު ކުރީ 10-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ހިތަދޫގެ އަލީ އަނޫފް ޖެހި ނަމަވެސް ސީ2އޭ ފެނުނީ މާ ބޮޑަށް ވެސް ވަރުގަދަ ކޮށެވެ. ކޮމްބިނޭޝަން ގިނަ ކުޅުންތަކަކާއެކު ސީ2އޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް އިއްޔެ މެޗުގައި ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ އަހުމަދު އަފްލާޒް ވަނީ މެޗުގައި ހަތް ގޯލް ޖަހައި، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ.

ގުރޫޕް ސްޓޭޖުގައި އަފްލާޒް ހަ ގޯލް ޖަހާފައި އޮތްއިރު، އިއްޔެ ޖެހި ހަތް ގޯލާއެކު އޭނާ ވަނީ މުބާރާތުގައި 13 ގޯލް ޖަހައިފަ އެވެ. އެންމެ ގާތުން ވާދަކުރާ އެފްސީ މަގުމަތީގެ ލޫތު އަހުމަދު ފަތުހީ ޖަހާފައިވަނީ 11 ގޯލެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެމެޗު މާދަމާ އޮންނާނެ އެވެ. ފުރަތަމަ މެޗުގައި އެފްސީ މަގުމަތިން މާވަށު އެސްސީއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ސީ2އޭ އެކަޑެމީ ނުކުންނާނީ ޑީކޭއެންޒީއާ ދެކޮޅަށެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ލީޑުން ނިންމާފައިވާ އިރު، އެ ހަރަކާތް ހިންގަމުން އަންނަނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.